ޖަޕާން ސަރުކާރުގެ ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް (ޖޭޑީއެސް)ގެ ދަށުން 2025 ވަނަ އަހަރަށް ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ ހަ ސްކޮލަރޝިޕް ފުރުޞަތު ދީފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ޖަޕާން ސަރުކާރުގެ ފަރާތުން ރާއްޖެއަށް ހަ ސްކޮލަރޝިޕް ފުރުޞަތު ދީފައިވާ ކަމަށާއި ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު ”އެކްސްޗޭންޖް އޮފް ނޯޓްސް“ ގައި މިއަދު ސޮއި ކޮށްފައިވާ ކަމަށެވެ.
”ހަ ސްކޮލަރޝިޕް ފުރުޞަތު ދެއްވައި، ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު ”އެކްސްޗޭންޖް އޮފް ނޯޓްސް“ ގައި މިއަދު ވަނީ ސޮއިކޮށްފައި“ ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.
ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ޖަޕާން ސަރުކާރުން 194 މިލިއަން ޖަޕާނީސް ޔެން (1.3 މިލިއަން އެމެރިކާ ޑޮލަރު) ދިނުމަށް ނިންމާފައިވާ ކަމަށެވެ.
މިއަދު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް، ޝެރީނާ ޢަބްދުއްޞަމަދު އެވެ.
ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިސިޒް އިޝިގާމީ ރުމީކޯއެވެ.
ޖަޕާން ސަރުކާރުގެ ފަރާތުން 2020 ވަނަ އަހަރުން ފެށިގެން ދެމުންގެންދާ މި ސްކޮލަޝިޕް އެހީގެ ދަށުން، ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވަރސިޓީތަކުގައި މާސްޓަރސް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުއްރަޙީމް ޙަސަން އާއި ފޮރިން މިނިސްޓްރީގެ އިސްވެރިންނާއި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ސިވިލް ސަރވިސް ކޮމިޝަން، ޖަޕާނު އެމްބަސީ އަދި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ އިސްބޭފުޅުން ވެސް ބައިވެރިވެފައި ވެއެވެ.




