ޣައްޒާގެ ރަފާހްގައި އެހީގެ ސާމާނު ހޯދަން އެއްވެ ތިބި ބަޔަކަށް އަމާޒުކޮށް، އިޒްރޭލުގެ ޔަހޫދީ ސިފައިން އިއްޔެ ދިން ބަޑީގެ ހަމަލާގައި 27 މީހަކު ޝަހީދުވެ، 90 މީހަކު ޒަހަމްވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަަކޮށްފިއެވެ.
މި ހަމަލާތައް ދޭން ފަށާފައިވަނީ ދެކުނު ޣައްޒާގައި ޣައްޒާ ހިއުމެނިޓޭރިއަން ފަންޑް (ޖީއެޗްއެފް) ގެ ފަރާތުން އެހީގެ ސާމާނު އިއްޔެ ހެނދުނު ބަހަމުން ދިޔަ ވަގުތުގައެވެ.
މިއީ ޣައްޒާއަށް ވަކި ލިމިޓެއްގައި ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް އިޒްރޭލުން މަގުތައް ހުޅުވުމަށްފަހު، މިފަދައިން ދިން ތިން ވަނަ ހަމަލާއެވެ. މިދިޔަ މަހުގެ 27 ގައި މިފަދަ ހަމަލާތަކެއްދީ، އިޒްރޭލުން ވަނީ އެހީ ފޯރުކޮށްދިނުމަށް އެތަނަށްދިޔަ ޖީއެޗްއެފްގެ 100 އޮފިޝަލަކު ވެސް ޝަހީދު ކޮށްލާފައެވެ.
ކުށެއްނެތް ޣައްޒާގެ ރައްޔިތުންނަށް ދިން މި ހަމަލާއާ ގުޅޭގޮތުން ޔަހޫދީ އިޒްރޭލުން ބުނެފައިވަނީ، އެމީހުން ހަމަލާދިނީ އެހީ ހޯދަން ދިޔަ މީހުންގެ ތެރޭގައި ހަމާސްއަށް ނިސްބަތްވާ ބަޔަކުވެސް ހިމެނޭ ކަމަށެވެ. އިޒްރޭލުން މިފަދައިންދޭ ކޮންމެ ހަމަަލާއަކާ ބެހޭގޮތުން ވެސް، އާންމުކޮށް ދައްކާ ބަހަނާއަކީ މިއީ ކަމަށާއި އެމީހުންގެ ހަމަލާތައް އަބަދުވެސް ބޮޑަށް އަމާޒުކޮށްފަނީ ޣައްޒާގެ ކުޑަކުދިންނާއި އަންހެނުންނަށްކަން ރިޕޯޓުތަކުން ފާހަގަކޮށްފައިވެއެވެ.




