ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މިއަހަރު ރާއްޖެއިން ދިޔަ ހުރިހާ ޙައްޖުވެރިން މިނާއަށް ހިނގައްޖެއެވެ.
މިނާއަށް ދިޔުމަށް ޙައްޖުވެރިން ދަތުރު ފަށާފައިވަނީ ރޭގެ ވަގުތެއްގައެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ޙައްޖާޖީން ދަނީ މިނާގެ ފޭލިތަކަށް ވާސިލު ވަމުން ކަމަށެވެ.
”މިވަގުތާހަމައަށް 300 އެއްހާ ހާޖީން ދަނީ މިނާއަށް ދަތުރުކުރަމުން، އެހެނިހެން ބަސްތައް ތަރުތީބުން ދަނީ ފުރަމުން. އެންމެންގެ ޙާލުވެސް ރަނގަޅު. ސަރުކާރުން ދަނީ ހައްޖުވެރިންގެ ކަންކަން ވަރަށް ގާތުން ބަލަމުން“ ރޭ ދަންވަރު ކުރައްވާފައިވާ ޕޯސްޓެއްގައި މިނިސްޓަރ ޝަހީމް ވިދާޅުވެފައިވެއެވެ.
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން މި އަހަރު ޙައްޖަށް 1000 ޙައްޖާޖީން ވަނީ ދަތުރު ކޮށްފައެވެ. ޙައްޖު މިޝަން އިން މައުލޫމާތު ދީފައިވާ ގޮތުގައި އެ ހުރިހާ ޙައްޖާޖީންގެ ހާލުވެސް ރަނގަޅެވެ.
ޙައްޖުވެރިން މިނާއިން، ދެން ދާނީ ހައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރުމަށް އަރަފާތަށް ދިއުމަށެވެ. ހައްޖުމަހުގެ 09 ވަނަ ދުވަހުގެ މެންދުރުފަހުން އަރަފާތު ބިމުގައި މަޑުކުރުމަކީ ހައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެ ބިމަށް އެދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ހައްޖު ނުލިބޭނެ އެވެ.
އަރަފާތު ބިމަށް ދިޔުމަށްފަހު ޙައްޖުވެރިން މުޒްދަލިފާގައި ރޭކުރާނެއެވެ. މުޒްދަލިފާގައި ރޭކުރުމަށްފަހު ބޮޑުޖަމްރާއަށް ހިލައުކުން ކުރިއަށްގެންދިޔުމަށްފަހު ދެން އޮންނާނީ ހަދްޔު ކަތިލުމެވެ. އެއަށްފަހު މިނާގައި ރޭކުރުމަށްފަހު، ތިން ޖަމްރާއަށް ހިލައުކުމަށްފަހު ޙައްޖުވެރިން ދެން ދާނީ ތަވާފުލްއިފާޟާކުރުމާއި ސަފާ ފަރުބަދައާއި މަރްވާ ފަރުބަދައާދެމެދު ސައުޔުކުރުމަށެވެ. ޙައްޖުވެރިންގެ އެންމެ ފަހުކަމެއްގެ ގޮތުގައި ކުރިއަށްގެންދާނީ ވަދާޢުގެ ޠަވާފުކޮށް ޙައްޖުގެ އަޅުކަން އަދާކޮށް ނިންމުމެވެ.
މިއަހަރުގެ ޙައްޖު ދުވަހަކީ 5 ޖޫން 2025 (މާދަމާ) އެވެ.


