މިދުވަސްކޮޅު ރާއްޖޭގައި އެންމެ ގިނައިން ފެތުރެމުންދަނީ އިންފްލުއެންޒާއާއި ކޮވިޑް-19ކަމަށާއި އެންމެ ގިނައިން މި ބަލިތައް ޖެހިގެން ރިޕޯޓު ކޮށްފައިވަނީ މާލެ ސަރަހައްދުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން މިކަން ހާމަކޮށްފައިވަނީ ރޯގާގެ ގޮތުގައި މިހާރު ފެތުރެމުންދާ ބަލިތަކާ ގުޅޭގޮތުން އެ އެޖެންސީން މިއަދު އާންމުކުރި ރިޕޯޓެއްގައެވެ.
އެގޮތުން އެ ރިޕޯޓުގައި ބުނެފައިވަނީ މިދުވަސްކޮޅު ރޯގާޖެހިގެން ރިޕޯޓު ކޮށްފައިވާ މީހުންގެ އަދަދު މިދިޔަ އަހަރުގެ މިދުވަސްކޮޅާ އަޅާބަލާއިރު އިތުރު ވެފައިވާ ކަމަށާއި އެންމެ ގިނައިން ރިޕޯޓު ކޮށްފައިވަނީ އިންފްލުއެންޒާއާއި ކޮވިޑް-19 ޖެހިގެން ރިޕޯޓު ކޮށްފައިވާ މީހުންގެ އަދަދު ކަމަށެވެ.
އެގޮތުން މިދިޔަ އަހަރު އިންފްލުއެންޒާ ޖެހިގެން މުޅި އަހަރު ރިޕޯޓު ކޮށްފައިވާ އަދަދަށް ބަލާއިރު 488 މީހުން ރިޕޯޓު ކޮށްފައިވެއެވެ. އަދި މި އަހަރުގެ މިހާތަނަށް މިބަލި ޖެހިގެން 128 މީހަކު ވަނީ ރިޕޯޓުކޮށްފައެވެ.
މިދިޔަ އަހަރު ކޮވިޑް-19 ޖެހިގެން މުޅި އަހަރު ރިޕޯޓު ކޮށްފައިވާ އަދަދަށް ބަލާއިރު 139 މީހުން ރިޕޯޓު ކޮށްފައިވެއެވެ. އަދި މި އަހަރުގެ މިހާތަނަށް މިބަލި ޖެހިގެން 107 މީހަކު ވަނީ ރިޕޯޓުކޮށްފައެވެ.
އިންފްލުއެންޒާއާއި ކޮވިޑް-19 ގެ އިތުރުން އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ އަހަރު ރިޕޯޓު ކޮށްފައިވަނީ 371794 މީހުންނެވެ. އަދި މިއަހަރުގެ މިހާތަނަށް 156962 މީހުން މިބަލީގައި ވަނީ ރިޕޯޓުކޮށްފައެވެ.
އެޗްޕީއޭއިން ބުނެފައިވަނީ މިދުވަސްކޮޅު ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރާ އަދަދު އިތުރުވެފައިވާއިރު، ކޮވިޑް-19 އާއި އިންފްލުއެންޒާ ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދުން ކަމަަށެވެ.
އެހެންކަމުން މިފަދަ ރޯގާތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަމުން ގެންދިޔުމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިންމު ކަމުގައި އެޗްޕީއޭ އިން ބުނެފައިވެއެވެ.
އެޗްޕީއޭއިން ރިކޯޑު ކޮށްފައިވާ މިއަދަދުތަކަކީ، މި އަހަރުގެ އޭޕްރިލް 20 އިން ފެށިގެން 31 މެއި ގެ ނިޔަލަށް ރިކޯޑު ކޮށްފައިވާ އަދަދުތަކެކެވެ.




