ލ. ގަން ކައިރީގައި އޮންނަ ފަޅުރަށެއް ކައިރިއަށް މަސްހިފަން ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ލ. ގަން ތުނޑީ/ ފެސްފަރީގޭ، އަބުދުލްސަމަދު މުހައްމަދު (ސަމަދު) އެވެ. އޭނާގެ އުމުރު އަދި ޔަގީން ނުވެއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ވިދާޅުވީ، ފަޅުރަށެއް ކަމަށްވާ މަހަކަންފުށި ކައިރިއަށް މަސްހިފަން ފައިބައިގެން އުޅުނު މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓެއް މިއަދު ހެނދުނު 9:50 ހާއިރު ލިބިފައިވާ ކަމަށެވެ.
އޭނާ ގެއްލިފައިވާ މައްސަލައިގެ މައުލޫމާތު ކަމާ ގުޅުން ހުރި އިދާރާތަކާ ހިއްސާކޮށް، ހޯދުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަަށްވެސް ފުލުހުން ވިދާޅުވިއެވެ.
ގަމު ކައުންސިލުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، މިއަދު ހެނދުނު ބަޔަކާ އެކުގައި މަހަކަންފުށި ކައިރިއަށް ދާ ޖަހައިގެން މަސްހިފަން ދިޔަ މީހަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތުގައި ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިވުން އެދޭ ކަމަށް ކައުންސިލުން ބުންޏެވެ.



