ލ. ގަން ކައިރީގައި އޮންނަ ފަޅުރަށެއް ކައިރިއަށް މަސްހިފަން ފޭބި މީހާ، ފެނުނު އިތު އޮތީ ނިޔާވެފައި ކަމަށް ފުލުހުން ދާދި ދެންމައަކު މައުލޫމާތު ދެއްވައިފިއެވެ.
ފަޅުރަށެއް ކައިރިއަށް މަސްހިފަން ގޮސް، ގެއްލިގެން ހޯދަމުންދިޔައީ ލ. ގަން ތުނޑީ/ ފެސްފަރީގޭ، އަބުދުލްސަމަދު މުހައްމަދު (65އ.) އެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ވިދާޅުވީ، ފަޅުރަށެއް ކަމަށްވާ މަހަކަންފުށި ކައިރިއަށް މަސްހިފަން ފައިބައިގެން އުޅުނު މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓެއް މިއަދު ހެނދުނު 9:50 ހާއިރު ލިބިފައިވާ ކަމަށެވެ.
އޭނާ ގެއްލިފައިވާ މައްސަލައިގެ މައުލޫމާތު ކަމާ ގުޅުން ހުރި އިދާރާތަކާ ހިއްސާކޮށް، ހޯދުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަަށްވެސް ފުލުހުން ވިދާޅުވިއެވެ.
ގަމު ކައުންސިލުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، މިއަދު ހެނދުނު ބަޔަކާ އެކުގައި މަހަކަންފުށި ކައިރިއަށް ދާ ޖަހައިގެން މަސްހިފަން ދިޔަ މީހަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތުގައި ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިވުން އެދޭ ކަމަށް ކައުންސިލުން ބުންޏެވެ.
ފުލުހުން ދާދި ދެންމައަކު ”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ މީހާ ގެއްލިފައިވާ މައްސަލައިގެ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށް ހޯދުމަށް ކުރި މަސައްކަތުން، އޭނާ ވަނީ އެ ސަރަހައްދު މޫދު އަޑީގައި އޮއްވާ ފެނިފައި ކަމަށާއި ފެނުނުއިރު ވެސް އޮތީ ނިޔާވެފައި ކަމަށެވެ.




