ވިލިމާލޭގައި ތަރައްގީ ކުުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލުގެ ޑީޓެއިލްޑް ޑިޒައިންގެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ފީސިބިލިޓީ މަރުހަލާ ނިންމުމަށްފަހު އެ ހޮސްޕިޓަލުގެ ޑީޓެއިލްޑް ޑިޒައިންގެ މަރުހަލާ ފެށުމަށް އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބެވެ.
ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ އެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެ ރަސްމިއްޔާތުގައި ވާހަކަދައްކަަވަމުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ މި މަޝްރޫޢު އެޕްރޫވް ކުރުމަށް ފަހު، ދެން ހުރި މަސައްކަތްތައް ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންދާނެ ކަމަށެވެ.
”ޑިޒައިން ނިންމާ ކޮންޓްރެކްޓަރެއް ހޯދުމަށް ފަހު އަންނަ އަހަރުގެ ކުރީކޮޅު އަމަލީ މަސައްކަތް ފަށާނަން“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗައިނާ ސަފީރު ވިދާޅުވީ ވިލިމާލޭގައި އަޅަނީ އެންމެ މަތީ ފެންވަރުގެ ޒަމާނީ ވަސީލަތްތައް ހިމެނޭ ހޮސްޕިޓަލެއް ކަމަށެވެ.



