މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ މާފުށީ ޖަލުގައި ޙުކުމް ތަންފީޛުކުރަމުންދާ ޤައިދީންނަށް ޚާއްސަކޮށް ”އިންމޭޓްސް ފުޓްސަލް ޓޯނަމަންޓް“ ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވައިފިއެވެ.
މިއީ މާފުށީ ޖަލުގައި ޙުކުމް ތަންފީޛުކުރަމުންދާ ޤައިދީންނަށް ޚާއްސަކޮށްގެން ފުޓުބޯޅަ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ.
ކަރެކްޝަނުން ބުނ މިއީ ޤައިދީން ދުޅަހެޔޮ ސިއްޙަތެއްގައި ބޭއްތިއްބުމަށާއި، ކުޅިވަރުގެ ތެރެއިން ޤައިދީން ރިހެބިލިޓޭޓްކުރުމަށް ރާވައިގެން ހިންގާ ޕޮރޮގްރާމްތަކާ ގުޅުވައިގެން ބޭއްވި މުބާރާތެއް ކަމަށެވެ.
މިގޮތުން މި މުބާރާތުގެ ފައިނަލް މެޗަށްފަހު، ފެއަރ ޕްލޭ ޓީމަށް ހޮވުނު ޓީމާއެކު ދަޢުލަތުގެ މިނިސްޓަރުންނާއި އިސްބޭފުޅުން ހިމެނޭގޮތަށް ފޯރިގަދަ މެޗެއް ކުޅެފައިވެއެވެ.
ކަރެކްޝަނުން ބުނީ މިއީވެސް ދިވެހި ތާރީޚުގައި އަލަށް ކުރެވިފައިވާކަމެއް ކަމަށެވެ. މި މެޗްގައި ބައިވެރިވި މިނިސްޓަރުންނާއި އިސް ބޭފުޅުންނަކީ:
- އެޓަރނީ ޖެނެރަލް އަޙްމަދު އުޝާމް
- މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން
- މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު
- މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް
- މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޘިމް
- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އޮނަރަބަލް ޢަބްދުﷲ ފަޔާޟް
- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒް އަޙްމަދު ޢަލީ ޙަބީބް
- ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް
މީގެ އިތުރުން މި އިވެންޓްގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ އާއި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙްއާއި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީ އާއި މާފުށީ ޖަލުގެ ޑައިރެކްޓަރ ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ޢަބްދުﷲ އަމީން، ކޮމިޝަންޑް އޮފިސަރުންނާއި ސީނިއަރ ރޭންކްތަކުގެ މުވައްޒަފުން ބައިވެރިވެއެވެ.
މުބާރާތުގެ ވަނަތަކަށް ހޮވުނު ޓީމްތަކަށާއި ކުޅުންތެރިންނަށް ގިނަ އަދަދެއްގެ އިނާމް ދީފައިވެއެވެ. އަދި ޤައިދީންނާއެކު ވަރަށް އެކުވެރި މާހައުލެއް ގާއިމްކޮށް، ވަޒީރުންނާއި ކަރެކްޝަނަސްގެ އިސްވެރިން ވަގުތު ހޭދަކޮށްފައިވެއެވެ.
15 ވަރަކަށް ދުވަހަށް ދެމިގެން ދިޔަ މިމުބާރާތް ރާވާ ހިންގުމުގައި މާފުށި ޖަލުގެ އެކިއެކި ޑިވިޜަންތަކާއި މެނޭޖްމަންޓް ގުޅިގެން ކޮށްފައިވާ މަސައްކަތުގެ ފުރިހަމަ ކަމަށްޓަކައި ހޯމް މިނިސްޓަރު ޢަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު އާއި އެމްސީއެސްގެ އިސްވެރިން އެކަން ފާހަގަކޮށް އެފަރާތްތަކަށާއި، ޤައިދީންނަށް އިނާމްތައް ހުށަހެޅުއްވި ފަރާތްތަކަށް ޝުކުރު އަދާކޮށް އެކަން ފާހަގަކޮށްފައިވެއެވެ.
ކަރެކްޝަނުން ބުނީ މި މުބާރަތާ ބެހޭ ގޮތުން ޤައިދީން ހާމަކުރި ޝުއޫރު ތަކުގެތެރޭގައި މިކަން އިތުރަށް ފުޅާކޮށްދިނުމަށް އެދިފައިވެއެވެ.
އަދި މިއީ ލިބިގެން ދިޔަ ވަރަށްބޮޑު ހިތްހަމަޖެހޭ ފުރުސަތެއް ކަމަށާއި، މިފަދަ ޕޮރޮގްރާމް ތަކުން އެމީހުން ރަގަޅުވުމުގެ އުއްމީދުތަކެއް އާވާކަމަށާއި ހިތްވަރު ލިބޭކަން ހާމަކޮށްފައިވާ ކަމަށް ކަރެކްޝަނުން ބުނެއެވެ.




