ތިމާވެށި ޙިމާޔަތް ކުރުމަށް ދިވެހީންދޭ އިސްކަމަކީ، މިއަދުގެ ފާގަތިކަމާއި، މާދަމާގެ ތިޔާގިކަމާއި އުފާވެރިކަމަށްޓަކައި އަދާކުރާ ޤައުމީ ޒިންމާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓު މެދުވެރިކުރައްވައި އާންމުކުރެއްވި މެސެޖެއްގައެވެ.
ރައީސް މުޢިއްޒުގެ މި މެސެޖުގައި، ދިވެހިރާއްޖެއަށް މުޅި ދުނިޔެ ޝައުގުވެރި ވަނީ، ދެވަނައެއް ނެތް ޗާލު މާޙައުލެއް އޮތުމުން ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހީންނަށް އާމުދަނީ ލިބޭ މައިގަނޑު މަސައްކަތްތައް ބަރޯސާ ވަނީ ކަނޑުތަކުގެ ދިރުމާ، ރަށްތަކުގެ ރީތިކަމަށް ކަމުގައި ވެސް އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.
މިއަދު ފާހަގަކުރާ މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިއާރު ”ބީޓް ޕްލާސްޓިކް ޕޮލިއުޝަން“ ގެ މަގުސަދަކީ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓާއި އިންސާނުންގެ ސިއްހަތަށް ލިބޭ ގެއްލުމަށް އަލިއަޅުވާލައި، އެކަމާއި ދެކޮޅަށް މަސައްކަތް ކުރުމެވެ.
އާންމު ދިރިއުޅުމުގައި ޕްލާސްޓިކު އަދި ޕްލާސްޓިކުން އުފައްދާފައިވާ ތަކެތި ބޭނުންކުރުން މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް ޕްލާސްޓިކަކީ އޭގެ ޒާތުގައި ތިމާވެއްޓާއި، ދިރޭތަކެތީގެ ނަސްލުތަކާއި، އިންސާނުންގެ ޞިއްޙަތަށް ނުހަނު ގެއްލުންދޭ އެއްޗެކެވެ. މިގޮތުން ދުނިޔޭގައި އަހަރަކު ހަތަރު ސަތޭކަ މިލިއަން ޓަނަށް ވުރެ ގިނަ ޕްލާސްޓިކުގެ ބާވަތްތައް އުފައްދައެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 19-23 މިލިއަން ޓަނުގެ ޕްލާސްޓިކު ދުނިޔޭގެ ކަނޑުތަކާއި، ކޯރުތަކަށް އުކާލެވި، މީގެ ސަބަބުން އެ މާޙައުލުތައް، ތަޣައްޔަރު ކުރަމުންދާ ކަމުގައި، ކަމުގެ މާހިރުން ދަނީ ފާހަގަކުރަމުންނެވެ.



