މިއަހަރުގެ ބަރަކާތްތެރި ޙައްޖު ދުވަހުގެ މުނާސަަބަތުގައި، ކޮންމެ ޙައްޖުވެރިއަކަށް ވެސް މަބްރޫރު ޙައްޖެއް މާތް ﷲ މިންވަރު ކުރެއްވުމަށާއި އަދި މި މާތް ދުވަހު ކޮންމެ މުސްލިމެއްގެ ދުޢާވެސް އެކަލާނގެ އިޖާބަ ކޮށްދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެންނެވި ދުޢާ ހިއްސާ ކުރައްވައިފިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ދުޢާއަކީ ދިވެހިރާއްޖެއާއި ދިވެހި ކޮންމެ ރައްޔިތަކަށް މާތް ﷲ ގެ އޯގާވަންތަކަމާއި، ރަޙްމަތާއި، ނިޢުމަތް ގިނަގުނަ ކޮށްދެއްވައި، އަމާންކަމާއި، ދުޅަހެޔޮކަމާއި، ވިޔަވަތިކަން ތާއަބަދުމެ ދެއްވުން ކަމުގައެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ 1446 ވަނަ އަހަރުގެ ބަރަކާތްތެރި ޢަރަފާތު ދުވަހު، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓްގައި މިއަދު ހެނދުނު ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ރައީސް މުޢިއްޒު ވަނީ އަޅަމެންގެ ހެޔޮ ޢަމަލުތައް ޤަބޫލު ކުރައްވައި، ދުނިޔެއާއި އާޚިރަތުގައި، ﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ލެހެއްޓެވުމަށް އެދިވަޑައިގެން ދުޢާ ދަންނަވާފައިވެއެވެ.
ރައީސް މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު މިވަގުތު ތިއްބެވީ މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާގައެވެ. އެދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއި، އެ ވަފުދުގެ ބައެއް މެންބަރުންގެ އަނބިއަނބިކަނބަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި އަރިހުގައި ވަޑައިގެންނެވި ވަފުދުގެ އެންމެހައި ކަންކަން ބަލަހައްޓަވަމުން ގެންދަވަނީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުންނެވެ.



