ދިވެހި ހުރިހާ ޙައްޖުވެރިން ހެޔޮހާލުގައި އަރަފާތު ބިމަށް ވަދެއްޖެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
ޙައްޖުވެރިން އަރަފާތު ބިމަށް ދިއުމަށް ދަތުރުފަށާފައިވަނީ ރޭގެ ވަގުތެއްގައެވެ. އެގޮތުން މައްކާ ގަޑިން 3:30 ވީއިރު ދިވެހި ހުރިހާ ޙައްޖުވެރިންނަށް އަރަފާތު ޓެންޓުތަކާއިހަމައަށް ވާސިލްވެވިފައިވާކަމަށް ހައްޖު މިޝަނުން ވަނީ މަޢުލޫމާތު ދީފައެވެ.
ދިވެހި ޙައްޖުވެރިންގެ ޙާލު ޖުމްލަ ގޮތެއްގައި ރަނގަޅުކަމަށާއި ހައްޖުވެރިން މިއަދު ވަގުތުތައް ހޭދަކުރާނީ އަރަފާތުގައި ޤާއިމްކޮށްފައިވާ ޓެންޓުތަކުގައިކަމަށް ވެސް ޙައްޖު މިޝަނުން ވަނީ މައުލޫމާތު ދީފައެވެ.
ޙައްޖުމަހުގެ 09 ވަނަ ދުވަހުގެ މެންދުރުފަހުން ޢަރަފާތުގައި މަޑުކުރުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެ ބިމަށް އެދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ޙައްޖު ނުލިބޭނެއެވެ.
ޢަރަފާތަށް ދިޔުމަށްފަހު ޙައްޖުވެރިން މުޒްދަލިފާގައި ރޭކުރާނެއެވެ. މުޒްދަލިފާގައި ރޭކުރުމަށްފަހު ބޮޑުޖަމްރާއަށް ހިލައުކުން ކުރިއަށްގެންދިޔުމަށްފަހު ދެން އޮންނާނީ ހަދްޔު ކަތިލުމެވެ. އެއަށްފަހު މިނާގައި ރޭކުރުމަށްފަހު، ތިން ޖަމްރާއަށް ހިލައުކުމަށްފަހު ޙައްޖުވެރިން ދެން ދާނީ ޠަވާފުލްއިފާޟާކުރުމާއި ޞަފާ ފަރުބަދައާއި މަރްވާ ފަރުބަދައާދެމެދު ސަޢުޔުކުރުމަށެވެ. ޙައްޖުވެރިންގެ އެންމެ ފަހުކަމެއްގެ ގޮތުގައި ކުރިއަށްގެންދާނީ ވަދާޢުގެ ޠަވާފުކޮށް ޙައްޖުގެ އަޅުކަން އަދާކޮށް ނިންމުމެވެ.
މިއަހަރު ދިވެހިރާއްޖެއިން 1000 މީހުން ވަނީ ޙައްޖުގެ މަތިވެރި އަޅުކަމަށް ގޮސްފައެވެ. ހުރިހާ ޙައްޖުވެރިންވެސް ގޮސްފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.



