އަޟްހާ އީދުގެ އުފަލުގައި ހުރިހާ ފަންތިއެއްގެ ރައްޔިތުން ވެސް ބައިވެރިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) މިއަދު އެދިވަޑައިގެންފިއެވެ.
މިއަހަރުގެ އަޟްހާ އީދުގެ ތަހުނިޔާ އިސްލާމީ އުންމަތުގެ އެންމެހައި އަޚުންނާއި އުޚްތުންނަށް އަރިސްކުރައްވައި، ސަަން ސިޔާމް މިއަދު ފޮނުއްވި ޚިޠާބުގައި ވިދާޅުވެފައިވަނީ ގުޅިލާމެހިފައިވާ އުފާފާޅުކުރުމުގެ ދުވަސްތަކެއް ކަމުގައިވާއިރު، ޙައްޖުގެ އަޅުކަމުން ލިިބިދޭ ފިލާވަޅުތަކުން އިބުރަތް ހާސިލުކުރުމުގެ މުހިންމު ކަމަށެވެ.
ޙައްޖުވެރިންނަށް މަބްރޫރް ޙައްޖަކަށް އެދެމުން ސިޔާމް ވިދާޅުވެފައިވަނީ ޙައްޖަށްފަހު އަންނަ އަޟްހާ އީދުގެ ހެޔޮ އެދުންތައް ވެސް އަރިސް ކުރައްވާ ކަމަށެވެ.
އީދުގެ އުފާފާޅު ކުރުމުގައި އިސްލާމްދީނުގެ އުސޫލުތަކާއި މުޖުތަމައުގެ އަޚްލާގީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އެންމެހައި ފަރާތްތަކަށް މެންބަރު ސިޔާމް އިލްތިމާސްކުރެއްވިއެވެ. އަދި، އީދުގެ އުފާވެރިކަމުގައި މުޖުތަމައުގެ ހުރިހާ ފަންތިއެއްގެ ރައްޔިތުން ބައިވެރިކޮށްގެން ކުރިއަށް ގެންދިއުމަށް ހިތްވަރުދެއްވިއެވެ.
މީގެއިތުރުން އީދަކީ އަޅައިލުމާއި އޯގާތެރިކަން އިސްކުރުމުގެ ޚާއްސަ ފުރުސަތެއް ކަމުގައިވާތީ، މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.



