މި ސަރުކާރުގެ ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ޗައިނާގެ އެހީގައ ތަރައްޤީކުރާ ނާސަރީއަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ލިބިފައިވާ ކަމަށް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޠާރިޤު މިހެން ވިދާޅު ވީދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން ދައުލަތުގެ މީޑިއާއިން ކުރިއަށް ގެންދިޔަ ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުންނެވެ.
މި ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިިނިސްޓަރު ޠާރިޤު ވިދާޅުވީ މިހާތަނަށް ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިހާރު 6 ލައްކައާއި ގާތް ކުރާ އަދަދަކަށް ގަސް އިންދާފައިވާ ކަމަށެވެ.
އެގޮތުން ބޭރުން ގެންނަ ގަސްތައް އިންދުމަށް ބޭނުންވާ ނާސަރީގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ މިނިސްޓަރު ވިދާޅުވީ ޗައިނާ ސަރުކާރު އެހީގައި ތަރައްޤީކުރަން ނިންމާފައިވާ ނާސަރީއާއި އެ ނާސަރީގެ އެޑްމިނިސްޓްރޭޓިވް އޮފީހާއި ނާސަރީއަށް ބޭނުންވާ ހުރިހާ އެއްޗަކާއި އެކު ލިބިފައިވާ ކަމަށެވެ.
އެ ތަކެތި ލިބިފައިވީ ނަމަވެސް އަދި ރާއްޖެ ނުގެނެވޭ ކަމަށާއި މިހާރު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު އަށް ނާސަރީއެއް ތަރައްޤީ ކުރަން އެޗްޑީސީ އާއި އެކު އެ މިނިސްޓްރީން ވަނީ މިހާރު ސޮއި ކޮށްފައެވެ.
އެންވަޔަަރަންމަންޓް މިނިސްޓްރީން ބުނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހުޅުމާލޭގައި 55،000 އަކަފޫޓުގެ ޒަމާނީ ނާސަރީގެއެއް ޑިޒައިންކުރުމުގެ މަރުހަލާ ވެސް މިހާރު ނިމިފައިވާ ކަމަށެވެ.
އެގޮތުން މި ނާސަރީގައި ލެބޯޓެރީއަކާއި ތަމްރީނުދޭ ކޮޓަރިތަކާއި އޮފީސް ބަޔަކާއި ގްރީންހައުސްއެއް ހުންނާނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެެއެވެ.
މި ނާސަރީއިން 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސް އުފެއްދުމުގެ އިތުރުން ޕްރޮގްރާމް ނިމުމަށް ފަހުވެސް އޭގެ ފައިދާ ދިގުމުއްތަކަށް ލިބޭނެހެން އެޗްޑީސީގެ ބެލުމުގެ ދަށުން ގަސް އުފައްދާނެ ކަމަށް އެންވަޔަަރަންމަންޓް މިނިސްޓްރީން ހާމަކުރެއެވެ.




