1446 ވަނަ އަހަރުގެ އަޟުޙާ ޢީދުގެ މުނާސަބަތުގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ސަރުކާރުތަކާއި އަދި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް ވަނީ، މި އުފާވެރި މުނާސަބަތަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންގެ މެދުގައި ޝުކުރުވެރިކަމާއި އެއްބައިވަންތަކަމާއި އޯގާތެރިކަމަށް ހިތްވަރު ލިބިގެންދާނެ ވަގުތެއް ކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ.
އަދި މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރާ ހުރިހާ ޙައްޖުވެރިންނަށް މަބްރޫރް ޙައްޖަކަށް އެދިވަޑައިގެން ސަލާމަތާއި ރައްކާތެރިކަން އެދިވަޑައިގެން، އިލާހީ ދަރުމަ ދެއްވުން އެދިވަޑައިގެން ރައީސް ވަނީ ދުޢާކުރައްވާފައެވެ.
މީގެ އިތުރުން އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ވަކިވަކީން ފޮނުއްވި ތަހުނިޔާގެ މެސެޖުތައް ނިންމަވާލައްވަމުން، ރައީސް ވަނީ، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށް ދުޅަހެޔޮ ޞިއްޙަތާއި، އިތުރު ފަހި ފުރުޞަތުތަކާއި ތަނަވަސްކަމާއި އުފާވެރިކަމާއި ކާމިޔާބީގެ މަތިވެރި ނިޢުމަތް، މާތް الله މިންވަރުކުރެއްވުން އެދިވަޑައިގެން ދުޢާކުރައްވާފައެވެ.


