ތިމާވެށީގެ ދުވަހާ ގުޅިގެން މުޅި ޖޫން މަހު ޚާއްޞަ ޙަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ބުނީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން މި އަހަރުގެ ތިމާވެށީގެ ދުވަހާ ގުޅިގެން މުޅި ޖޫން މަހު ޚާއްޞަ ޙަރަކާތްތަކެއް ކުރިއަށް ގެންދާން ނިންމާފައިވާ ކަމަށެވެ.
މި ޙަރަކާތްތަކުގައި ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ސެމިނަރތަކާއި، ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމްތަކާއި، ގަސްއިންދުމުގެ ޕްރޮގްރާމްތައް ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. އަދި މީގެ އިތުރުން ސްކޫލްތަކުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކެއްވެސް ހިންގުމަށް ރޭވިފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
މިގޮތުން މި ޙަރަކާތްތަކުގައި ބައިވެރިވުމަށް ހުރިހާ ރައްޔިތުންނަށްވެސް ހުޅުވާލާފައިވާ ކަމަށް އެންވަޔަރަމަންޓު މިނިސްޓްރީން ބުނެފައިވެއެވެ.
އަދި މި ޙަރަކާތްތަކުގެ ތަފްޞީލު މަޢުލޫމާތު ލިބިވަޑައިގަންނަވާނީ އެ މިނިސްޓްރީގެ ވެބްސައިޓްތަކުންނާއި އިޖްތިމާޢީ ވިއުގަތަކުން ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.
”އަވަރ ޕްލެނެޓް އެކްޝަން މަންތް“ ގެ ނަމުގައި ކުރިއަށްދާ މި ޙަރަކާތްތަކުގެ މަޤްޞަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތްކުރުމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، މުޖުތަމަޢުގެ ހުރިހާ ފަރުދުންގެ ބައިވެރިވުން އިތުރުކުރުން ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.


