ހއ. ވަށަފަރުގެ ރަށުރަމްޒެއްގެ ގޮތުގައި ހަދާފާއިފާ މޮނިއުމަންޓް ހުޅުވައިފިއެވެ.
މި މޮނިއުމަންޓް ހުޅުއްވައިދެއްވީ މިކަމަށްޓަކައި ވަށަފަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު ޑރ.ޢަބްދުﷲ ނާޒިމްއެވެ.
ވަށަފަރު ރަށުރަމްޒު މޮނިއުމަންޓު ހުޅުވައިދެއްވައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް ވިދާޅުވީ މިފަދަ މަސައްކަތްތަކުން ރަމްޒުކޮށްދެނީ ރަށުގެ ރައްޔިތުންނާއި ކައުންސިލުން ރަށުގެ ތަރައްޤީއަށް ގެންގުޅޭ ވިސްނުން ކަމަށެވެ.
”ރަށުގެ ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން މިއިން ވަރަށް ބޮޑަށް ހާމަވެގެންދޭ“ މިނިސްޓަރު ވިދާޅުވިއެވެ.
ވަށަފަރުގައި ހަދާފައިވާ ރަށު ރަމްޒު ނުވަތަ މޮނިއުމަންޓަކީ އެ ރަށަށް ނިސްބަތްވާ ވަށަފަރު މީހުން އުނބަށް ޖެހުން މި ހާދިސާއަށް ބިނާކޮށް ހަދާފައިވާ މޮނިއުމަންޓެކެވެ. މޮނިއުމަންޓުން ފެނިގެން ދަނީ އުނބެއްގެ މަތީގައި ބަހައްޓާފައިވާ ރިޔާނެގި ދޯންޏެކެވެ. އަދި ދޯނި ކައިރީގައި މަޑިއަކާއި ކޯމަހެއްވެސް ހަދާފައިވެއެވެ.
މީގެ އިތުރުން މި މޮނިއުމަންޓް ފުރިހަމަވެގެން ދަނީ ދޯނީގެ ކައިރީގައި ހުރި ހުސް އުނބުތަކުންނެވެ. ދޯނި ބަހައްޓާފައިވާ ބޮޑު އުނބު ވަނީ ފެން ފައިބާ ގޮތަށް ފަރުމާކޮށްފައެވެ. މުޅި މޮނިއުމަންޓު ދަށުގައި ވަނީ މަސްގެންގުޅޭގޮތަށް ޓޭންކެއް ހަދާފައެވެ.



