ނ. މަނަދޫއަށް ނިސްބަތްވާ ހިޔަލަ ގްރޫޕަކީ، އީދާ ދިމާކޮށް ތަފާތު އެހެންނަމަވެސް ބެލުންތެރިންނަށް ވަރަށް ކަމުދާ ވީޑިއޯ ލަވަތަކެއް މީގެ ކުރިންވެސް ގެނެސްދީފައިވާ ބައެކެވެ.
މިދިޔަ އަހަރު އެ ގްރޫޕުން އީދަށް އުފެއްދި ”ބޯކިބަންބާ“ އަށް ލަވައަށް ވެސް ގިނަ ބައެއްގެ ހޫނު ތަރުހީބެއް ލިބިފައިވާއިރު، ”އީދު ބޯމަތި ވަނީ“ ގެ ނަމުގައި މި އަހަރު ހިޔަލަ ގްރޫޕުން ވަނީ އައު ލަވައެއް ބެލުންތެރިންނަށް ގެނެސްދީފައެވެ.
މި ލަވަ ކިޔާފައި ވަނީ މަރިޔަމް އަޝްފާ އެވެ. އެރާ ރެކޯޑްސްއިން މިއުޒިކް އުފައްދާފައިވާ މި ލަވައިގެ ޅެން ހަދާފައި ވަނީ އަބްދުﷲ ޝާހިދު (ޓެޑީ) އެވެ.
ރ. އަލިފުށީގައި ނަގާފައިވާ މި ލަވައިގައި ހަރަކާތްތެރިވެފައިވާ ލީޑް ތަރިންނަނީ މަރިޔަމް ޝިފާ އާއި މުހައްމަދު އިޝްފާން އެވެ.
ލަވައިގެ މަންޒަރުތައް ވެސް އެހާމެ ހިތްގައިމެވެ. އިހު ޒަމާނުގެ އީދު ބޯމަތިވަނީ“ ލަވައިގެ ތަންކޮޅެއް އިއްވައިދެމުން ދިޔައިރު، މަންޒަރުތަކުން ދައްކުވައި ދެނީ ރަށްފުށުގައި އީދާ ދިމާކޮށް ކުރަމުން އަންނަ ބައެއް ކަންކަމެވެ. ހީނާފަތް ފުނޑާ މަންޒަރާއި ކުޑަކުދިންގެ އަތުގައި ހީނާފަތް އަޅުވާ މަންޒަރު ވެސް ފެނެއެވެ.
ލަވައިގެ ލީޑް އެކްޓްރެސް ސިފާގެ ފުރަތަމަ ފެނިލުމުގައި އޭނާ އޮންނަނީ ދަރިން ގާތު އުނދޯއްޔެއްގައެވެ. ކަރުވަޅު ތެރެއިން ސިޓީއެއް ނެގުމާއެކު، އީދު ބޯމަތިވެއްޖެކަމުގެ އުފާވެރި އިހުސާސާއެކު އޭނާ ދެން ނިކުންނަނީ ގޯތު ތެރެއަށެވެ. އީދަށް އޭނާގެ ފިރިމީހާ ވެސް ރަށަށް އަންނާނެކަމުގެ ފޮނި އުންމީދާއި އުފާވެރިކަން ޝިފާގެ މޫނުމަތިން ފުރިހަމައަށް ދައްކައިދެއެވެ.
އެއަށްފަހު ދެން ފެންނަނީ ބަނދަރުމަތީގައި ފިރިމީހާގެ އިންތިޒާރުގައި ޝިފާ އިންނަތަނެވެ. އެހެންމީހުންގެ ފިރިންނާއި އާއިލާ އެކުވިއިރު އޭނާގެ ފިރިމީހާ ނާންނަކަން އެނގުމުން މާޔޫސްވާތަން ފެނެއެވެ. އެއާއެކު ފިރިމީހާއަށް އީދަށް ނުދެވޭނެކަމުގެ ހަބަރު ލިޔެފައިވާ ސިޓީއެއް ފެނުމުން އެ މާޔޫސްކަން އިތުރުވާ މަންޒަރުވެސް ޝިފާ ވަނީ ދައްކުވައި ދީފައެވެ.
އީދުގެ އެކި ހަރަކާތްތަކާއި، ޝިފާއާއި އިޝްފާންގެ ހަނދާންތައް ޝިފާއަށް ފެންނަ މަންޒަރުވެސް ވަނީ ވަރަށް ފުރިހަމައަށް މި ލަވައިން ދައްކައިދީފައެވެ. ލަވަ ނިމެނީ އިޝްފާން އޭނާގެ އަނބިމީހާ ކައިރިއަށްދާ އުފާވެރި މަންޒަރުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހަވީރު ޔޫޓިއުބުގައި ރިލީޒްކުރި މި ލަވައަށް މިހާރުވެސް 4000 އަށްވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ.




