އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ރާއްޖެއިން ނިންމި ނިންމުން ގާތްގަނޑަކަށް ހުރިހާ ޤައުމަކުން ބަލައިގަނެފައިވާ ކަމަށާއި، އެކަމުގެ އެއްވެސް ނުރަނގަޅު އަސަރެއް ނުކުރާ ކަމަށް ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޚަލީލް މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ ފޮރިން އެފެއާރޒްއާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް އިއްޔެ ދެއްވި ބަސްދީގަތުމެއްގައެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުގައި، އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް އިމިގްރޭޝަން ޤާނޫނަށް އިސްލާހު ގެނެސް ތަސްދީގު ކޮށްފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. ގިނަ މަޝްވަރާތަކަކަށް ފަހު ޤާނޫނަށް ގެނައި އިސްލާހު ތަންފީޒުކުރަން ފަށާފައިވާއިރު މިނިސްޓަރ ޚަލީލް ވަނީ މިބަދަލަކީ ރައްޔިތުން އެދެމުން ދިޔަ ބަދަލެއްކަން ފާހަގަކުރައްވާފައެވެ.
”މިއީ ރާއްޖެ ކަހަލަ ކުޑަ ޤައުމަކުން މީގެ ކުރިން ކޮށްފައި އޮތް ކަމެއް ނޫން. ބޮޑެތި އިޤްތިޞާދީ ގޮތުން ވަރުގަދަ ޤައުމުތަކުން އެބަހުރި މިކަހަލަ ކަންކަން ކޮށްފައި. ރާއްޖެ ފަދަ ކުޑަޤައުމަކުން މީގެ ކުރިން ކޮށްފައެއް ނެތް. މިއިން އަޅުގަނޑުމެންނަށް ދައްކައިދެނީ އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން. ރައީސްގެ ހުރި އަޒުމް ވަރުގަދަކަން މީގެއިން ދައްކުވައިދެނީ“ މިނިސްޓަރ ޚަލީލް ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ޚަލީލު ވިދާޅުވީ ފަލަސްތީނު ރައްޔިތުންނާއި ދިވެހިންގެ އޮތީ ވަރަށް އަޚުވަންތަ ގުޅުމެއް ކަމަށެވެ. އެހެންކަމުން މިމައްސަލައަކީ ދިވެހިންގެ ހިތްތަކާއި ގުޅިފައިވާ މައްސަލައަކަށްވުމުން މި ނިންމުމުގެ ތެރޭގައި ކުރެވުނު ޚާރިޖީ މަޝްވަރާތަކުގައިވެސް އިސްކަމެއް ދިނީ، ދިވެހިންގެ މަސްލަހަތު އިސްކުރުމަށް ކަމަށާއި މިކަމުގެ ސަބަބުން ފަތުރުވެރިކަމަށް އަސަރުކުރާނެ ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އެފަދަ އަސަރެއް ނުކުރާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



