ށ. ފުނަދޫ އެއާޕޯޓުގެ ފަޔަރ ލޮރީގައި މައްސަލައެއް ޖެހުމުން، އެ އާޕޯޓުގެ ދަތުރުތައް މިއަދު މެދުކަނޑާލައިފިއެވެ.
މިކަމާ ގުޅޭގޮތުން މޯލްޑިވިއަން އިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެއާޕޯޓުގެ ޓެކްނިކަލް މައްސަލައަކާ ގުޅިގެން، ފުނަދުއަށް މިއަދު ޝެޑިއުލްކޮށްފައި އޮތް ދަތުރުތައް ކުރެވެން ނެތް ކަމަށެވެ.
ފުނަދުއަށް މިއަދު ފުރަން ޓިކެޓު ނަގާފައިވާ ފަރާތްތަކަށް އެހެން ގޮތެއް ހޯދައިދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މޯލްޑިވިއަން އިން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެއްވެސް އެހީއެއް ބޭނުންވާނަމަ މޯލްޑިވިއަންގެ ހޮޓްލައިން ނަންބަރު 1671 އަށް ގުޅާލުމަށް ވެސް އެ އެއާލައިނުން ވަނީ ބުނެފައެވެ.
ފުނަދޫ އެއާޕޯޓުގެ ދަތުރުތައް މެދުކަނޑާލައިފައި ވަނީ، އީދު ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ މީހުން ދަތުރުކުރަމުންދާ ދަނޑިވަޅެއްގައެވެ. މި ބަންދު ފެށުނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށްވާއިރު، ސަރުކާރު އޮފީސްތަކާއި ސްކޫލުތައް ހުޅުވޭނީ އަންނަ އަންގާރައިގައެވެ.



