މިއަދު ހާމަވީ އެންމެ ހާސްކަން ބޮޑު އެއް ޚަބަރަކީ ނުރައްކާތެރި ބައްޔެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ރާއްޖެއިން ފެނިއްޖެކަމުގެ ޚަބަރެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފައިވަނީ އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގް ހަދާ، ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް އެ އެޖެންސީން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިއާއެކު މި ބައްޔާމެދު އެނގުން މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ.
އެގޮތުން އިންވޭސިވް މެނިންގޯކޮކަލް ބައްޔަކީ ނައިސީރިއާ މެނިންގްޓައިޑިސް ކިޔާ ބެކްޓީރިއާ އަކުން ޖެހޭ ބައްޔެކެވެ. މިއީ ވަރަށް މަދުން ޖެހޭ ބައްޔެއް ނަމަވެސް، މިބަލި ޖެހިއްޖެނަމަ މި ބަލީގައި ބޮޑުވަރުވާލެއް ވެސް ވަރަށް އަވަހެވެ.
މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ހަމުގައި ރަތް ބިހިތަކެއް ނެގުން، ބޮލުގައި ރިއްސުން، ކަނދުރާއަށް ވާންވުން، ބޯ އެނބުރުމާއި ހޮޑުލެވުން، ފޮޓޯފޯބިއާ އަދި ނަފްސާނީ ހާލަތަށް ބަދަލު އައުން (އޮޅުން) ހިމެނޭ ކަމަށާއި ބަލީގައި ބޮޑުވަރުވުމުން ސިކުނޑިއަށް އަސަރު ކުރުން (މެނިންޖައިޓިސް) އަދި މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރުން (ސެޕްސިސް) އެކަށިގެންވާ ކަމުގައި ވެސް އެޗްޕީއޭއިން ބުންޏެވެ.
އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ދެ ބާވަތެއް ވެއެވެ. އެއީ:
° މެނިންޖައިޓިސް
° މެނިންގޯކޮކަލް ސެޕްސިސް
މި ބަލި ފެތުރެނީ ކިހިނެއް؟
މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިން ކަމަށާއި ބަލި ޖެހިފައިވާ މީހާއާ އެކު ގިނަވަގުތު ވަރަށް ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުކަން އެޗްޕީއޭއިން ވަނީ ފާހަގަ ކޮށްފައެވެ. އަދި މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައި ކަމަށް ވެސް ބުނެފައިވެއެވެ.
ބަލި ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ ބަލިމީހާއާ ވަރަށް ގާތްކޮށް ގިނަވަގުތު ހޭދަކުރާ ފަރާތްތަކަށް ކަމުގައި ވެސް އެ އެޖެންސީން ބުނެފައިވެއެވެ.
° ބަލިޖެހިފައިވާ މީހެއްގެ އަނގައިން ނުކުންނަ ކުޅުގައި ހުންނަ ޖަރާސީމު އެހެން މީހުންގެ ނޭވާލާ ނިޒާމުގެ ތެރެއަށް ގޮސްގެން
° ބަކި ޖެހުމުގެ ފުރުސަތު ބޮޑީ ބަލި މީހަކާ ގާތްކޮށް ގިނަ ވަގުތު ހޭދަކުރާ ފަރާތްތަކަށް
(އެއް ގެއެއްގައި އުޅޭ މީހުން، އެއް ކޮޓަރިއެއްގައި ނިދި މީހުން، ބަލި މީހާގެ ކުޅު އަރިދަފުސްފަދަ ތަކެތީގައި ޖެހިފައިވާ މީހުން)
މެނިންގޯކޮކަލް ބަލި ހުންނަ މީހުންނާ ގާތް ގުޅުމެއް އޮންނަ މީހުންނަށް އެންޓިބަޔޮޓިކްސް ކީމޯޕްރޮފިލެކްސިސް ދޭންވާނީ، އިމުނައިޒޭޝަންގެ ހާލަތަށް ބެލުމެއް ނެތި، އެންމެ ރަނގަޅީ އިންޑެކްސް ބަލިމީހާ ދެނެގަނެވޭތާ 24 ގަޑިއިރު ފަހުންނެވެ.
”ކްލޯޒް ކޮންޓެކްޓް“ އެއް ކަމަށް ބެލެވޭނީ ކޮންބައެއް؟
° ބަލި މީހުންނާއި އެއްގެއެއްގައި ދިރިއުޅޭ މީހުން.
° ބަލި މީހާއާއި އެއްކޮށް މަތިންދާ ބޯޓުން ނުވަތަ ބަހުގައި ވަރަށް ގިނައިރު ވަންދެން ދަތުރު ކޮށްފައިވާ މީހުން.
° ބަލި މީހާގެ ކުޅުފަދަ ނޭވާލާ ނިޒާމުން އުފެދޭ ދިޔައަކަށް ހުށަހެޅިފައިވާ މީހުން.
ބަލި މީހާއާ އެއް ފެންފުޅިއަކުން ފެން ބޮއެ އެކުގައި ކައިބޮއެ ހަދާފައިވާ މީހުން، ބަލި މީހާއާ ކުޑަ ވަގުތު ކޮޅަކަށް ދިމާވެފައިވާ މީހުން އަދި ބަލި މީހާގެ ސީދާ ކޮންޓެކްޓުންނާއި ދިނާވެފައިވާ މީހުން ”ކްލޯޒް ކޮންޓެކްޓް“ ކަމުގައި ނުބެލެވޭނެ ކަމުގައި އެޗްޕީއޭ އިން ބުނެފައިވެއެވެ.
ރައްކާތެރިވުން:
° ގިނަ ގިނައިން ސައިބޯނި ލައިގެން އަތްދޮވުން.
° އަރިދަފުސް ރޯގާ ޖެހިއްޖެނަމަ، ކެއްސާ ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުން.
° ރޯގާޖެހި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުން. ޚާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަށް ނުދިޔުން.
° ރޯގާ ޖެހިފައިވާނަމަ ކުޑަކުދިން ކައިރިއަށް ނުދިޔުން، އަދި އެކުދިން އުރާ ނުހެދުން.



