ޔަހޫދީ އިޒްރޭލުން ޣައްޒާގެ އަވަށެއް ކަމަަށްވާ ސަބްރާއަށް އިއްޔެ ދިން ހަމަލާގައި 70 އަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެއެވެ.
އަލްޖަޒީރާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އިޒްރޭލުން ހަމަލާ ދީފައިވަނީ އާންމުން ދިރިއުޅޭ އިމާރާތަކަށެވެ.
މި ހަމަލާ ދިނުމުގެ ކުރިން އިޒްރޭލުން އެއްވެސް އިންޒާރެއް ދީފައިނުވާ ކަމަށާއި އެހެންކަމުން މިއީ ޔަހޫދީން ދުރާލާ ރާވައިގެން ހިންގި ގަތުލުއާންމެއް ކަމުގައި ފަލަސްތީނުގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދް ބާސިލް އަލްޖަޒީރާއަށް ބުނެފައިވެއެވެ.
އިޒްރޭލުގެ މި ހަމަލާގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ވެސް ވަނީ ޝަހީދުވެފައެވެ. އަދި ވެއްޓުނު އިމާރާތުގެ ދަށުވެފައި އެތައް ބަޔަކު ތިބި ކަމަށާއި ރެސްކިޔު ޓީމުން އެމީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށް މަހްމޫދް ބުނެފައިވެއެވެ.
”މިއީ ހަމަ ބޮޑު ގަތުލުއާންމެއް. އިޒްރޭލުން ހަމަލާ ދީފައިވަނީ އާންމުން ދިރިއުޅޭ އިމާރާތަކަށް. ގާތްގަނޑަކަށް 85 ވަރަކަށް މީހުން އަދިވެސް ތިބީ ވެއްޓުނު އިމާރާތުގެ ދަށުވެ، ތާށިވެފަ“ މަހްމޫދު ބުނެފައިވެއެވެ.
އިޒްރޭލުން ދިން މި ހަަމަލާއިން ސަލާމަތްވި އެކަކު ކަމަށްވާ ހާމިދް ޚަލީލް އަލްޒަޖީރާއަށް މައުލޫމާތު ދެމުން ބުނީ، އީދުގެ ދެވަނަ ދުވަހު (އިއްޔެ) އެމީހުންނަށް ހޭލެވުނީ ހަމަލާތަކުގެ އަޑަށާއި، މީހުންގެ ރުއިމާއި އާދޭހުގެ އަޑަށް، އަދި ވެއްޓެމުން ދިޔަ ގައުތަކުގެ ސަބަބުން ކަމަށެވެ.
”މިއީ ޣައްޒާ. އީދު ދުވަހުގެ އުފާ ފާޅު ކުރުމަށް ދަރިން ހޭލައްވާ އެކުދިން ވެސް އީދަށް ތައްޔާރު ކުރުމުގެ ބަދަލުގައި، އަހަރުމެންނަށް ހޭލެވެނީ އަންހެނުންނާއި ކުޑަކުދިންގެ ފުރާނަ ނެތް ހަށިގަނޑުތައް ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ނަގަން“ ފުން އަސަރާއެކު ހާމިދު ބުންޏެވެ.
އިޒްރޭލުން މިފަހަރުވެސް ބުނެފައިވަނީ، އެމީހުން ހަމަލާދިނީ، އެ އިމާރާތަކީ ޓެރަރިސްޓެއް ކަމަށްވާ އަސާދް އަބޫ ޝާރިއާ އުޅެމުންދިޔަ އިނާރާތަކަށްވުމުން، އޭނާ ޝަހީދު ކޮށްލުމަށް ކަމަށެވެ.




