ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސައުދީ އަރަބިއާގެ ވަލީއަޙްދު އަދި ބޮޑުވަޒީރު ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސުއޫދާ ބައްދަލުކުރައްވައިފިއެވެ.
އަލް-މިނާ ޕެލަސްގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ، ސައުދީ ސަރުކާރުން ދެއްވަމުން ގެންދަވާ މެހުމާންދާރީއަށާއި އެއްބާރުލެއްވުމަށްޓަކައި އަދި އެންމެހައި ޙައްޖާޖީންނަށް ފޯރުކޮށްދެއްވި ފުރިހަމަ ޚިދުމަތަށްޓަކައި، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސައުދީ އަރަބިއާގެ ރަސްގެފާނު ހިޒް މެޖަސްޓީ ކިންގް ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސުޢޫދަށާއި ވަލީޢަހްދަށް، ނިހާޔަތަށް ޝުކުރު އަދާކުރައްވާފައެވެ.
ދިވެހިރާއްޖެއާއި ސައުދީ އަރަބިއާއާ ދެމެދު ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ދެ ޤައުމުގެ މެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުން، ދެ ޤައުމަށްވެސް ފައިދާކުރާނޭހެން ބަދަހިކުރެއްވުމަށް ކުރެއްވިދާނޭ ކަންތައްތަކާމެދު ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް، ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި ޗީފް އޮފް ޕްރޮޓޮކޯލް މުޙައްމަދު ޝަހުދީ، ރައީސް މުޢިއްޒުގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަތެވެ.




