ލ. ގަން ލިންކު ރޯޑުގައި ކާރަކާއި ސައިކަލެއް ޖެހި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި އެކަކަށް އިތުރުފަރުވާދިނުމަށް މާލެ ގެނައުމަށް ފޮނުވާލައިފިއެވެ.
މާލެ ގެންނަން ނިންމާފައި ވަނީ އެ އެކްސިޑެންޓުގައި ސައިކަލުގައި ތިބި 44 އަހަރުގެ ދެ ފިރިހެނުންގެ ތެރެެއިން އެކަކެވެ.
މި އެކްސިޑެންޓުގައި އެ މީހާގެ ބޯފަޅައިގެން ގޮސް އިތުރު އަނިޔާތަކެއްވެފައިވާއިރު، ކޮނޑުހުޅާ ދިމާލުން ވަނީ ބިންދައިގެން ގޮސްފަ އެވެ.
މިގޮތުން އޭނާގެ އޮޕަރޭޝަނެއް ކުރަން ޖެހޭތީ އެއާ އެމްބިއުލާންސްގައި މިހާރު ވަނީ މާލެ ފޮނުވާލާފައެވެ.
ފުލުހުން ރޭ ބުނީ ގަން ލިންކު ރޯޑުގައި އުތުރުން ދެކުނަށް ދުއްވާފައިދިޔަ ކާރަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއް ވެފައިވާ މައްސަލައެއް ރޭ 7:03 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެމީހުންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ހާމަކުރެއެވެ.
އެގޮތުން ސައިކަލު ދުއްވަން އިން 44 އަހަރުގެ ދިވެހި ފިރިހެނެއްގެ ކަނާތު ފައިގެ ދެ ތަނަކުން ބިނދި، އޭނާގެ ބޯ ވެސް ފަޅައިގެން ގޮސް އިތުރު އަނިޔާތަކެއް ވެސް ވަނީ ލިބިފައެވެ.
މީގެ އިތުރުން ސައިކަލު ފަހަތުގައި އިން 44 އަހަރުގެ ދިވެހި ފިރިހެެނެއްގެ ބޯ ދެ ތަނަކުން ފަޅައިގެން ގޮސް، އޭނާގެ ވެސް ކަނާތު ފައި ދެ ތަނަކުން ބިނދި އިތުރު އަނިޔާތަކެއްވެސް ވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި އުމުރުން 62 އަހަރުގެ ފިރިހެން މީހާއަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި ނަމަވެސް އެކްސިޑެންޓުވީ ދެ އުޅަނދަށް ވެސް އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށެވެ.



