ސަރުކާރުގެ ޓެކްސީ ލައިން ޚިދުމަތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ އިލެކްޓްރިކް ވެހިކަލްތައް (އީވީ ޓެކްސީތައް) އުފެއްދުމުގެ މަސައްކަތް މި ހަފްތާގައި ފަށަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އަމީން މިހެން ވިދާޅުވީ ޕީއެސްްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
އެގޮތުން މިނިސްޓަރު އަމީން ވިދާޅުވީ، ސަރުކާރުގެ ޓެކްސީ ލައިނުގެ ހިދުމަތް ފެށުމަށްޓަކައި ޓެކްސީތައް އުފެއްދުމުގެ މަސައްކަތް މި މަހު 10 ގައި ފަށާނެ ކަމަށެވެ.
އަމީން ވިދާޅުވީ ސަރުކާރުގެ ޓެކްސީ ލައިނަށް ގެންނަ ޓެކްސީތަކަކީ، ފިހާރައަކަށް ވަދެ ގަންނަން ލިބޭ އެއްޗެއް ނޫން ކަމަށާއި އެ ޚިދުމަތަށް ބޭނުންވާ ސައިޒުގެ ޓެކްސީ، ބޭނުންވާ އިކުއިޕްމެންޓްސް ހަރުކޮށްގެން، ރާއްޖެއިން ބޭރުން ތައްޔާރުކޮށްގެން ގެންނަން ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުގެ ޓެކްސީ ލައިންގައި އެކި ސައިޒްގެ ވެހިކަލް ހިމެނޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ސަރުކާރުން ބުނާ ގޮތުގައި ހަނިގޯޅިތަކަށް ވަދެވޭ ވަރުގެ ވެހިކަލްވެސް އެ ޓެކްސީ ލައިންގައި ހިމެނޭނެއެވެ. ސަރުކާރުގެ ޓެކްސީ ލައިނުގެ ހިދުމަތް ފެށުމަށް ސަރުކާރުން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. މިގޮތުން ޓެކްސީ ލައިނުގެ ހިދުމަތް އަންނަ އޮގަސްޓް މަހުގެ ފަހުކޮޅު ފަށަން އެ ކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ. އަދި އެ ހިދުމަތް މާލެ، ހުޅުމާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މި އަހަރު ދޭން ފަށާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.



