މެލޭޝިއާގެ ޔުނިވާސިޓީއެއްގެ ދަރިވަރުންތަކެެއް ދަތުރުކުރި ބަހަކާއި މިނީވޭނެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 15 މީހަކު މަރުވެއްޖެއެވެ.
މެލޭޝިއާގެ ލޯކަލް ރެސްކިޔު ސާވިސަސްއިން ބުނީ މި އެކްސިޑެންޓު ހިނގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށާއި ހާދިސާ ހިނގި ވަގުތު 13 މީހުން މަރުވެ، ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އިތުރު ދެމީހަކު މަރުވި ކަމަށެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ތައިލެންޑް ބޯޑަރާ ދިމާލުން، ހައިވޭގައެވެ. އެކްސިޑެންޓާ ގުޅިގެން މިހާތަނަށް 15 މީހަކު މަރުވެ، 31 މީހަކު ވަނީ ޒަހަމްވެފައެވެ.
ޕެރާކް ސްޓޭޓް ޑިޒާސްޓާ މެނޭޖްމަންޓް ކޮމިޓީ (ޖޭޕީބީއެން) ގެ ސެކްރެޓޭރިއަޓުން ނެރުނު ބަޔާނެއްގައި ބުނީ މި އެކްސިޑެންޓު ހިނގި ބަހުގައި 46 މީހަކު ތިބި ކަމަށެވެ. އެމަޖެންސީ ސާވިސަސް އަށް ރޭ ދަންވަރު މި އެކްސިޑެންޓު ރިޕޯޓްކުރީ ހާދިސާއަށްފަހު މީހުން ގެންދިޔަ ގެރިކް ހޮސްޕިޓަލުން 1:10 ހާއިރު ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މި އެކްސިޑެންޓަށް ފަހު ފުރަތަމަ ލިބުނު ރިޕޯޓްތަކުގައި ބުނެފައިވާ ގޮތުގައި އެކްސިޑެންޓުވި މީހުންގެ ތެރެއިން ބައެއް މީހުން ފަރުވާ ހޯދަން ހޮސްޕިޓަލަށް ދިޔައީ އަމިއްލައަށެވެ. އެންމެ ފުރަތަމަ ދިޔައީ ދެ އަންހެނަކު ކަމަށާއި އެއީ އެކްސިޑެންޓު ހިނގިތާ ގަޑިއެއްހާއިރު ފަހުން ކަމަށް ވެސް އޭރު ބުނެފައިވެއެވެ.



