1446 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ދެކަނބަލުން ސަޢުދީ ޢަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
ރައީސްގެ ދެކަނބަލުންނަށް ޖިއްދާ އެއަރޕޯޓުން އަލްވަދާޢު ވިދާޅުވީ ޖިއްދާގެ ގަވަރުނަރ ޕްރިންސް ސައުދު ބިން ޢަބްދުﷲ ބިން އަލްޖަލާވީ އަލް ސައުދުއެވެ.
ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސަޢުދި ޢަރަބިއްޔާއަށް ފުރާ ވަޑައިގެންނެވީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ.
މި ދަތުރުފުޅުގައި ރައީސް ޑރ މުހައްމަދު މުއިއްޒާއި, އަނބިކަނބަލުން ސާޖިދާ މުހައްމަދާއެކު އަރިހުގައި ބައެއް މިނިސްޓަރުން ބައިވެރިވެ ވަޑައިގަތެވެ.
ރައީސްގެ ދެކަނބަލުންނާއި އަރިހުގައި ވަޑައިގެންނެވި މިނިސްޓަރުން ޙައްޖަށް ވަޑައިގެންނެވީ ސައުދީ ސަރުކާރުން ދެއްވި ޚާއްސަ ދައުވަތެއްގައެވެ.
މިގޮތުން އެ ދަތުރުފުޅުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސަވައިދެއްވާފައި ވަނީ ސަޢުދީ ސަރުކާރުންނެވެ.
އެ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޑައިގެންފައި ވަނީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި, ފޮރިން މިނިސްޓަރު ޑރ ޢަބްދުﷲ ޚަލީލްގެ ދެކަނބަލުންނާއި، އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި, ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢުގެ ދެކަނބަލުންނެވެ.
އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ ދެކަނބަލުން އަދި ޗީފް އޮފް ޕްރޮޓޮކޯލް، މުޙައްމަދު ޝަހުދީ ވެސް ވަނީ މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޑައިގެންފައެވެ.
ހައްޖުގެ އަޅުކަން އަދާކުރައްވަން ރައީސް ސަޢުދީ ޢަރަބިއްޔާއަށް ކުރެއްވި މި ދަތުރުފުޅުގައި ދިވެހި ޙައްޖާޖީންނާއި ބައްދަލުކުރައްވައި ޙައްޖާޖީންގެ ޙާލު ވަނީ ބައްލަވާލައްވާފައެވެ.
މީގެ އިތުރުން ޙައްޖާޖީންނަށް ހުރި ދަތިތައް އޮޅުންފިލުވައި ކަންބޮޑުވުންތައް އެ މަނިކުފާނު ވަނީ އައްސަވާފައެވެ.



