އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން އަޕަރ ނޯތު ޕޮލިސް ރީޖަންގައި ހިމެނޭ ހއ، ހދ އަދި ށ އަތޮޅުގެ ރަށްތަކުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ފުލުހުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ފުލުހުން މިއަދު ބުނީ އެ ރަށްރަށުގެ ކައުންސިލްތަކާއި ފުލުހުންނާއި ކުލަބް ޖަމްޢިއްޔާތައް ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގާފައިވާ ކަމަށެވެ.
އެގޮތުން ފުލުހުން ވަނީ ބައެއް ރަށްރަށުގައި ހިންގި ހަރަކާތްތަކުގައި އިސްދައުރެއް އަދާކޮށްފައެވެ.
އަދި ފުލުހުން ވަނީ އެހެން ރަށްރަށުގައި ހަރަކާތްތައް ކުރިއަށްދިޔަ ވަގުތުތަކުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަރަކާތްތެރިވެ، ޓްރެފިކް ފްލޯ ބަލަހައްޓައި، އަމަން އަމާންކަން ގާއިމްކުރުމަށް މަސައްކަތްކޮށްފައެވެ.
ހދ. އަތޮޅުގެ ހުރިހާ ރަށެއްގެ ޕޮލިސް ސްޓޭޝަންތަކުން ޢީދު ހަރަކާތްތަކުގައި ވަރަށް އެކްޓިވްކޮށް ބައިވެރިވެފައިވާއިރު ޢީދު ހަދިޔާ ތައްޔާރުކުރުމުގައި ބައިވެރިވެ، ޢީދު ނަމާދުން ފެށިގެން ޢީދު ޝޯ ނިމެންދެން ހުރިހާ ހަރަކާތްތަކެއްގެ ސެކިއުރިޓީ ބަލަހައްޓާފައިވެއެވެ.
އަދި ކުޑަކުދިންގެ ހަވީރުގައި ފުލުހުންގެ ސްޓޯލްތައް ބަހައްޓައި ހަރަކާތްތެރިވެފައިވެއެވެ. އޭގެ އިތުރުން ޢީދު ވިލޭރޭ ރަށްރަށުގެ އެކި ސަރަހައްދުތަކުގައި ސްޓެޓިކް ޑިއުޓީތައް އަދާކޮށް ޕެޓްރޯލް ކުރުން އިތުރުކޮށްފައިވެއެވެ.
ހަމައެހެންމެ ކުޑަކުދިންގެ ހަވީރުގައި ފުލުހުންގެ ސްޓޯލްތައް ބަހައްޓައި، މާލި ޕެރޭޑެއް ބާއްވައި، ޢީދު ކުޅިވަރުތަކުގައި ބައިވެރިވެފައިވެއެވެ.
ށ. އަތޮޅުގައި ޢީދުގެ އެކިއެކި ޕްރޮގްރާމްތަކުގައި ފުލުހުން ސެކިއުރިޓީ ބަލަހައްޓައި، ކޮމިއުނިޓީ އިވެންޓްތަކުގައި ބައިވެރިވެފައިވެއެވެ. ށ. މިލަންދޫ، ށ. ފުނަދޫ އަދި ށ. ފޯކައިދޫގައި ”ހަވާ“ އެރުވުނު ވަގުތުތަކުގައި ފުލުހުން ވަނީ އެ ސަރަޙައްދުގެ ސެކިއުރިޓީ ބަލަހައްޓާފައެވެ.
ފުލުހުން ބުނީ ކުޅުދުއްފުށި ސިޓީގައި ބޭއްވުނު ގިނަ ޢީދު ހަރަކާތްތަކުގެ ސެކިއުރިޓީ އަދި ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
މީގެ ތެރޭގައި ޢީދު މާލި، ޢީދު އޮނު ބަޑި ޖެހުން، ވާދެމުން، ބަނދު ދުއްވުން، ރާނީ ހިނގުން، ނަމުރު، ހަވާ، ސްޓޭޖް ޝޯ، ފައިގަތަޅާ، ކޯޑި، ބޮޑު ފައިވާން ހިންގުން، ކައިވެނި ސައި އަދި ދަމުހިނގުން ފަދަ ގިނަ ހަރަކާތްތައް ހިމެނެއެވެ.


