މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ގުދަނެއްގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު (21އ.) ވެއްޓުނު މައްސަލައިގައި އެއިރު ހައްޔަރު ކުރި ރައުދު އަހްމަދު ޒިލާލް (22އ.) ގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާ ކޮށްފިއެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ރައުދު އެންމެ ފުރަތަމަ ހައްޔަރު ކުރީ، ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން، އޭޕްރިލް 24 ވަނަ ދުވަހުގައެވެ. އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުގައެވެ.
ރައުދުގެ މައްޗަށް ޕީޖީން ކޮށްފައިވަނީ، އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ
މި މައްސަލައިގައި ރައުދުގެ މައްޗަށް ދައުވާ ކުރަން ނިންމި ސަބަބެއްގެ ގޮތުގައި ޕީޖީ އޮފީހުން ބުނެފައިވަނީ، ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިވެދީފައި ނުވާތީ އާއި ޔުމްނުއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައި ނުވުމެވެ.
ރައުދަކީ ޔުމްނު ވެެއްޓުނު އިރު އޭނާއާ އެކު ބުރުޒުމަގުގައި ހުންނަ ހ. ފެންޓެނޯއީ ގޭގެ ސިޑިމަތީގައި އުޅުނު ޒުވާނާ އެވެ. ޔުމްނު ވެއްޓުމުގެ ކުރިން އެ ގޭގައި ރައުދުއާއެކު އުޅުނުކަން އެރޭގެ ސީސީޓީވީ ފުޓޭޖުތަކުން ވެސް ހުރީ ފެންނާށެވެ.
ރައުދު އާއި ޔުމްނު ވެސް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން އެއިރު ބުނެފައިވެއެވެ.
މި މައްސަލައިގައި ފުލުހުން ފުރަތަމަ ބުނީ، ޔުމްނު ވެއްޓުމުގައި ރައުދު ނޫނީ އެެހެން މީހެއްގެ ބައިވެރިވުން ވެސް ނެތް ކަމަށެވެ. އޭގެ ފަހުގައި ރައުދު ހައްޔަރުކުރަނީ ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ބުނެއެވެ.
ރައުދު ހައްޔަރުކޮށް ބަންދުކުރަން ނެރުނު ދެވަނަ އަމުރުން އެނގުނު ގޮތުގައި އެ ރޭ ރައުދު އާއި ޔުމްނުއާ ދެމެދު ’ހަމަނުޖެހުމެއް‘ ވަނީ ހިނގައިފައެވެ. އަދި ޔުމްނު ވެއްޓުނު ކަމަށް ކޮންމެ ވެސް ބަޔަކު ކައިރީ އޭނާ ބުނިކަން އެ އަމުރުގައިވެއެވެ.



