މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އިން، ލައިފްސްޓައިލް އައިކަންއެއް ކަމަށްވާ ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ކެޓްރީނާ ކައިފް، ސަނީ ސައިޑް އޮފް ލައިފްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.
ވިޒިޓް މޯލްޑިވްސްގެ ހާއްސަ ”ސަމާ ސޭލް“ ކެމްޕެއިން ފެށިތާ މާގިނަދުވަސް ނުވަނީސް އިއުލާނުކޮށްފައިވާ މި ޕާޓްނަރޝިޕްގެ މަޤްސަދަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ކަނޑުގެ ހިތްގައިމު ދިރުންތަކާއި، ހާއްސަ ލަގްޒަރީ ތަޖުރިބާތައް ކުރުމަށް ދުނިޔޭގެ ގިނަ ފަތުރުވެރިންނަށް ހިތްވަރު ދިނުން ކަމުގައި އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
ކެޓްރީނާ އަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަންނާނެއް އަދި އެވޯޑް ހާސިލްކޮށްފައިވާ ވިޔަފާރިވެރިއެއް ވެސް މެއެވެ. ބްލޮކްބަސްޓާ ފިލްމުތަކުގެ މަޝްހޫރު ޕޯޓްފޯލިއޯއަކާއި ޝަރަފުވެރި ގިނަ އެވޯޑްތަކަކާ އެކު އިންޑިއާގެ ސިނަމާއަށް އޭނާ ކޮށްދީފައިވާ ހިދުމަތްތަކަކީ ވަރަށް ފުރިހަމަ ހިދުމަތްތަކެކެވެ.
ކެޓްރީނާއަށް ލިބިފައިވާ އޮން ސްކްރީން ކާމިޔާބީތަކުގެ އިތުރުން، ވިޔަފާރީގައި އަންހެނުންގެ ދައުރު ކަނޑައެޅުމުގެ ގޮތުން އޭނާ ވަނީ ވިޔަފާރިވެރިކަމުގެ ހުނަރު ވެސް ދައްކައިފައެވެ.
އެގޮތުން ފޯބްސް އައިކަން އޮފް އެކްސެލެންސްގެ ޝަރަފު ހާސިލްކޮށްފައިވާ ކެޓްރީނާ ވަނީ ވިޔަފާރި އާއި މުނިފޫހިފިލުވުމުގެ ގުޅުމުގައި އޭނާއަކީ ލީޑިން ވޮއިސްއެއްކަން ސާބިތުކޮށްދީފައެވެ.
ސަނީ ސައިޑް އޮފް ލައިފްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރުގެ ހައިސިއްޔަތުން، ކެޓްރީނާ ބުނީ ދިވެހިރާއްޖެއަކީ ނަލަކަމާއި ހަމަހިމޭންކަމާ ގުޅިފައިވާ ލަގްޒަރީ އަދި ގުދުރަތީ ރީތިކަމުގެ ރަމްޒެއްކަމަށާއި ސަނީ ސައިޑް އޮފް ލައިފްގެ އެމްބެސަޑަރަކަށް ހޮވުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި މީގެއިތުރުން މި ޕާޓްނަރޝިޕްގެ މަގްސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ބެލުންތެރިންނަށް ދަތުރުފަތުރުގެ އެންމެ ފުރިހަމަ ތަޖުރިބާތައް ލިބެނީ ދިވެހިރާއްޖެއިންކަން ދައްކުވައިދިނުން ކަމަށް ވެސް ކެޓްރީނާ ބުނެފައިވެއެވެ.




