އިންޑިއާގެ ކެރަލާ ކައިރިން ދަތުރު ކުރަމުންދިޔަ ސިންގަޕޫރުގެ އާގުބޯޓެއްގައި ބާރުގަދަ ބޮމެއް ގޮވައި ރޯވެ އަނދަމުން އެބަދެއެވެ.
ރޯވެ އަނދަމުން ދަނީ ”އެމްވީ ވޮން ހައި 503“ ގެ ނަން ދީފައިވާ އާގުބޯޓެކެވެ.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އެ އުޅަނދުގައި ބާރުގަދަ ގޮވުމެއް ގޮވައި، އަލިފާން ރޯވެފައިވާއިރު، އޭގައި ތިބި 22 ފަޅުވެރިންގެ ތެރެއިން ހަތަރު މީހަކު ވަނީ ގެއްލިފައެވެ. އަދި 18 މީހަކު ސަލާމަތް ކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
އެ އުޅަނދުން ގެއްލިފައިވާ ކަމަށް ބެލެވޭ ހަތަރު މީހުން ހޯދައި، ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މި ހާދިސާ ހިނގާފައި ވަނީ އެ އުޅަނދުގައި ނުރައްކާތެރި މުދާތަކެއް އުފުލަމުން ދަނިކޮށް ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ.
އެމްވީ ވޮން ހައި 503ގައި ބާރުގަދަ ގޮވުމެއް ގޮވައި، އަލިފާން ރޯވެފައި ވަނީ ކެރަލާގެ ކަންނޫރް ޑިސްޓްރިކްޓުގެ ބަނދަރުމަތީ ރަށް، އަޖޭކާލްގެ ރަށް ބޭރުން 44 ނޯޓިކަލް މޭލު ދުރުން ދަތުރު ކުރަމުން ދަނިކޮށް، އިންޑިޔާ ގަޑިން ހެނދުނު 9:20ހާއިރެވެ. އެއީ، ކޯޗީގެ ހުޅަނގުއުތުރުން 130 ނޯޓިކަލް މޭލު ދުރެވެ. މި ހާދިސާ ހިނގާފައި ވަނީ ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯ ބަނދަރުން ފުރައިގެން އިންޑިޔާގެ މުމްބާއީގެ ބަނދަރުމަތީ ރަށް ނޫހަވާ ޝޭވާއަށް ދަތުރު ކުރަމުން ދިޔަ މަގުމަތީގައެވެ.




