މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަލްމަރްހޫމް ޝެއިޚް އިބްރާހިމް ފަރީދު އަހުމަދުގެ ޖަނާޒާ މެލޭޝިއާގައި ބާއްވަން އާއިލާއިން މިއަދު ނިންމައިފިއެވެ.
ޝެއިޚް ފަރީދު ކުއްލި ގޮތަކަށް އަވަހާރަވީ އިއްޔެ މެލޭޝިއާއަށް ކުރެއްވި ދަތުރުގައި، އެ ޤައުމުގެ އެއާޕޯޓަށް ފައިބައިވަޑައިގެންނެވިތާ ކުޑަ އިރުކޮޅެއް ނުވެ ހާލަތު ދެރަވެގެންނެވެ.
ޝެއިޚް ފަރީދުގެ އާއިލާއާ ގާތް ބޭފުޅަކު މިއަދު ބުނީ، ފަރީދުގެ ޖަނާޒާ މެލޭޝިއާގައި ބާއްވަން އާއިލާއިން ނިންމާފައިވާ ކަމަށާއި އެގޮތަށް ނިންމީ ޝެއިޚްގެ ހަށިގަނޑު މެލޭޝިއާއިން ބޭރުކުރާނަމަ، ޕޯސްޓްމޯޓަމް ހަދަން ޖެހޭތީ، އެކަމަކީ ޝެއިޚް ދުނިޔޭގައި ހުންނެވިއިރު ވެސް ނުހަނު ދެކޮޅުވި ކަމަކަށްވާތީ ކަމަށެވެ.
ޝެއިޚް ފަރީދަކީ ދީނީ ކަންކަމުގައި ރައްޔިތުން ހޭލުންތެރި ކުރުމުގައި ވަރިބަލިވުމެއް ނެތި ސާބިތު ކަމާއެކު ދެމި ހުންނެވި ބޭކަލެކެވެ. ދީނީ އެކިއެކި ދަރުސްތައް ދެއްވުމާއި ކަށުނަމާދުތަކުގައި އިމާމުވެ ނަމާދު ކުރެއްވުމުގައި ވެސް ޝައިޚް ފަރީދަކީ ނަމޫނާ ދެއްކެވި ބޭފުޅެކެވެ.
ޝެއިޚް ފަރީދު އަވަހާރަވެއްޖެކަމުގެ ހިތާމަވެރި ޚަބަރާއެކު ގިނަ ބަޔަކު ވަނީ އެބޭފުޅުންގެ ހިތްދަތި ޝުޢޫރުތައް ފާޅު ކޮށްފައެވެ. އޭގެތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ތަޢުޒިޔާ މެސެޖާއި، ދީނީ އެހެން ޢިލްމުވެރިންގެ އިތުރުން ޝެއިޚް ފަރީދުގެ ކޮއްކޮ ޝެއިޚް އަލީ ޒައިދުގެ މެސެޖުގެ އިތުރުން އާންމުންގެ ގިނަ ބައެއްގެ މެސެޖުތައް ވެސް ފާހަގަ ކޮށްލެވެއެވެ.




