އީދު ޗުއްޓީއަށްފަހު މިއަދު ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ރަސްމީކޮށް ފެށިނަމަވެސް، އެއްވެސް މަސައްކަތެއް އެޖެންޑާ ކޮށްފައި ނުވާތީ މަޖިލިސް ޖަލްސާ މާދަމާ ބޭއްވުމަށް އެޖެންޑާ ކޮށްފިއެވެ.
އެގޮތުން މަޖިލިހުގެ ޖަލްސާގައި މާދަމާއަށް އެޖެންޑާ ކޮށްފައިވަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރިއަށް ގެންދިޔުމަށެވެ.
ނޭޕާލަށް ރާއްޖޭއިން ކަނޑައަޅާ ނޮން ރެސިޑެންޓު ސަފީރު ހަމަޖެއްސުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ފޮނުއްވާފައިވާ މައްސަލަ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް، ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުން ވެސް މާދާމާގެ ޖަލްސާގައި އޮންނާނެއެވެ.
މީގެއިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރަން ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުމަށް ވެސް ތާވަލުކޮށްފައިވެއެވެ.
މި އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވީ މިދިޔަ ހޯމަ ދުވަހެވެ. އެކަމަކު، އޭގެފަހުން އިތުރު ޖަލްސާއެއް ބާއްވާފައެއް ނުވެއެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ހަފުތާއަކު ތިން ދުވަހު މަޖިލީހުގެ ޖަލްސާތައް ބާއްވަން ޖެހެއެވެ. އާންމުކޮށް ޖަލްސާތައް ބާއްވަނީ ހޯމަ، އަންގާރައިގެ އިތުރުން ބުދަ ދުވަހެވެ. އަދި މުހިންމު ކަމެއް އޮވެއްޖެ ހިނދުގައި ބައެއް ފަހަރު ބުރާސްފަތި ދުވަހު ވެސް މަޖިލިސް ޖަލްސާ ބާއްވައެވެ.




