ރާއްޖެ ފަދަ ޤައުމުތަކުން ކުރާ މަސްވެރި ކަމަށް ދިމާވާ ގޮންޖެހުންތަކަށް ހައްލުހޯދުމަށް ދިވެހިރާއްޖޭން ގޮވާލައިފި އެވެ.
މިކަމަށް ހައްލުހޯދުމަށް ގޮވާލާފައި ވަނީ ޔުނައިޓެޑް ނޭޝަންސް އޯޝަންސް ކޮންފަރެންސްގެ 3 ވަނަ ބައްދަލުވުމުގެ ހަވާސާގައި އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓރ އައިމިނަތު ހުސައިން ޝަރީފް އެވެ.
އެ ކަމަނާ ވަނީ ރާއްޖެ ފަދަ ޤައުމުތަކުން ކުރާ މަސްވެރި ކަމަށް ދިމާވާ ގޮންޖެހުންތަކަށް ވަކާލާތު ކުރައްވާފަ އެވެ.
އަދި މަސްވެރިކަމަށް ކުރިމަތިވާ މާކެޓް އެކްސެސް ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށްވެސް ސްޓޭޓް މިނިސްޓަރު ވަކާލާތު ކުރެއްވި އެވެ.
”މިކަމަކީ މިއީ ކުދި ޖަޒީރާ ތަރައްޤީވަމުން އަންނަ ދައުލަތަކުން އެކަނި އުފުލަން ޖެހޭ ބުރައަކަށް ވެގެން ނުވާނެ“ އެ ކަމަނާ ވިދާޅުވިއެވެ.
އިކޯލެބެލިން ގައިޑްލައިންތައް އިސްލާހު ކުރުމަށް އެފްއޭއޯއިން އެޅި ފިޔަވަޅަށް ސްޓޭޓް މިނިސްޓަރު ވަނީ މަރުހަބާ ވިދާޅުވެފައެވެ.
”ދިވެހިރާއްޖެއަށް މި ވަގުތު އެންމެ މުހިއްމީ އިންސާފުވެރި، ހާމަކަން ބޮޑު، ސެޓްފިކެޓް ދިނުމުގައި މަސްވެރިން މަސްވެރިންނަށްޓަކައި ބިނާކޮށްފައިވާ ނިޒާމެއް“ އެ ކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެ ނިޒާމް ވާންވާނީ މަސްވެރިކަމުގައި ހަރަކާތްތެރިވާ އެންމެ ކުދި ފަންތީގެ މަސްވެރިކަމަށްވެސް ބިނާވާ ނިޒާމަކަށް ކަމަށް އެކަމަނާ ވިދާޅުވިއެވެ.



