ދީނީ އިލްމުވެރިޔާ އަލްމަރްހޫމް ޝެއިޚް އިބްރާހިމް ފަރީދު އަވަހާރަވީ ފުރަތަމަ ކާފަ ދަރިކަލުން އުރާލަން ނުލިބިއެވެ.
ޝެއިޚް ފަރީދުގެ ދަރިކަލުން ޢަބްދުﷲ ފަރީދު (އަބޯ) މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ، ޝެއިޚް ފަރީދު އެންމެ ފަހުން ކުރެއްވި މެސެޖު ކަމަށް ބުނެ، ޗެޓެއްގެ ސްކްރީންޝޮޓެއް ހިއްސާ ކޮށްފައެވެ.
އެ ސްކްރީންޝޮޓުގައި ފެންނަނީ ތުއްތު ކުއްޖެއްގެ ފޮޓޯ ޝެއިޚްއަށް ފޮނުވުމުން
”ما شاء الله تبارك الله ކާފަގެ ލޯބި..“ އެފަދައިން ޝެއިޚް ފަރީދު ލިޔެފައިވާ މަންޒަރެވެ.
އެ ޕޯސްޓުގައި އަބޯ ބުނެފައިވަނީ ހާލަތު ދިމާ ކުރިގޮތުން ޝެއިޚް ފަރީދު ވަކިވެގެން ދިޔައީ ޝެއިޚްގެ ފުރަތަމަ ކާފަ ދަރިފުޅު ހަމަ ލޮލަށް ފެނި، އެހެންނަމަވެސް އުރާލައި ބޮސްދީ ހަދާލަން ފުރުސަތެއް ނުލިބި ކަމަށެވެ.
”ވިއްސާ ކޮޓަރިން ނެރުނު ވަގުތު ބައްޕަ އަޅުގަނޑު ގާތުގައި ހުރި. އެވަގުތަކީ ބައްޕަގެ ފުރަތަމަ ކާފަ ދަރިފުޅު ހަމަ ލޮލަށް ފެނުނު ފުރަތަމަ އަދި ފަހު ފަހަރު. އިރާދަފުޅުން ގަދަވެ ’ކާފަގެ ލޯބި‘ ދޫކޮށްލި އިރު ވަނީ ދީނީ ދަޢުވަތުގެ މަސައްކަތެއްގައި ފުރަން ޖެހިފަ. އެހިނދުން ފެށިގެން އިންތިޒާރު ކުރަމުން މިއައީ ބައްޕައާއި ބައްދަލުވެ ’ކާފަގެ ލޯބި‘ އުރާލަން ދެވޭނެ ފުރުސަތަކަށް. ނަމަވެސް ދެން އައީ އަޅުގަނޑުގެ ލޯބިވާ މަންމަގެ އަސަރުގަދަ ކޯލު.“ އަބޯ ބުނެފައިވެއެވެ.
އަބޯ ބުނީ އޭނާގެ މަންމަ ގިސްލަމުން އެދުނީ ބައްޕަގެ ޚަބަރެއް ބަލާދިނުމަށް ކަމަށެވެ.
”އަޅުގަނޑު ވަގުތުން ބައްޕައާއެކު ދަތުރު ކުރި ޚިދުމަތް ޖަމްޢިއްޔާގެ އިސްވެރި އަކަށް ގުޅިން. އެ ވަގުތު މެދުކެނޑުމެއް ނެތި ބައްޕައަށް އަވަސް ފަރުވާދޭ މެޝިނުތަކުގެ އަޑު ކަންފަތުގައި ޖެހުން. ދެން އިވުނީ ބައްޕަ އަވަހާރަވެއްޖެ ކަމުގެ ހިތާމަވެރި ޚަބަރު“ ފުން އަސަރާއެކު އަބޯ ބުނެފައިވެއެވެ.
ޝެއިޚް ފަރީދުގެ ދަރިކަލުން އިތުރަށް ބުނެފައިވަނީ، އޭނާގެ ބައްޕަ ފަޚުރުވެރިވާފަދަ ހެޔޮ ލަފާ ޞޯލިޙް ދަރިއަކަށްވެ އެގޮތުގައި ދެމި ހުންނާނެ ކަމަށެވެ. އަދި ޝެއިޚްގެ ލޯބިވާ ކާފަ ދަރިފުޅަށް ދޭން އޮތް ތަރުބިއްޔަތަކީ އަބޯއަށް ޝެއިޚް ދެއްވި ތަރުބިއްޔަތު ކަމުގައި ވެސް ބުނެފައިވެއެވެ.
ޝެއިޚް ފަރީދު އަވަހާރަވީ އިއްޔެ ހަވީރު މެލޭޝިއާގެ އެއާޕޯޓުގައެވެ. އެމަނިކުފާނުގެ ޖަނާޒާ އޮތީ މާދަމާ މެލޭޝިއާގެ ރާޖާ ހާޖީ ފީސަބީލިﷲ މަސްޖިދު ގައެވެ.



