އުފާވެރި ރާއްޖެ އިންޑެކްސް މިންކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
މިިނިސްޓަރު އާދަމް ޝަރީފް މިހެން ވިދާޅުވީ ދިވެހިންގެ އުފާވެރިކަމުގެ މިންގަނޑުގެ އަސާސްތައް ކަނޑައެޅުމަށް ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުން ފެއްޓެވުމަށް ފަހު ދައުލަތުގެ މީޑިއާއަށް މައުލޫމާތު ހިއްސާކުރައްވަމުންނެވެ.
ރާއްޖޭގައި ހެޕިނެސް އިންޑެކްސް ކަނޑައެޅުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ލޯކަލް ގަވަމަންޓް މިނިސްޓްރީގެ މުވައްޒަފުންގެ މެދުގައި މަޝްވަރާ ބައްދަލުވުމެއް މިއަދު ވަނީ ބާއްވާފާއެވެ.
”މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައި ވަނީ އުފާވެރިކަމުގެ މިންގަނޑުގެ މައިގަނޑު އަސާސްތަކާއި، އެ އަސާސްތަކުގެ ތެރޭގައި ހިމެނޭ ދާއިރާތަކުގެ މައްޗަށް“ ލޯކަލް ގަވަމަންޓް މިނިސްޓްރީން ބުނެފައި ވެއެވެ.
އެ މަސައްކަތު ބައްދަލުވުމުގައި ވަނީ މައިގަނޑު އަސާސްތަކުގެ ތެރޭގައި ހިމެނުން މުހިންމު ކަންކަމާއި، ދާއިރާތަކުގައި ހިމެނިފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު އާދަމް ޝަރީފު ޢުމަރާއި މިނިސްޓްރީގެ ވެރިންނާއި އެކި ޑިޕާޓްމަންޓްތަކުގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.



