މަނީ ލޯންޑަރިންގާއި ހިޔާނާތުގެ ދައުވާ މިހާރުވެސް އުފުލިފައިވާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުރު މައްސަލަތަކެއް ވެސް ބަލަމުންދާ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.
އެފްއޭއެމްއަށް ފީފާއިން ފޮނުވި 10،000 ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ އަމިއްލަ ކަންކަމުގައި ބޭނުންކޮށްފައިވާތީ ބައްސާމްގެ މައްޗަށް އެންމެ ފުރަތަމަ ދައުވާ އުފުލީ މިއަހަރުގެ ޖެނުއަރީ މަހު ގައެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މަނީ ލޯންޑަރިންގެ އިތުރު ދެ ދައުވާއެއް ވެސް އޭނާގެ މައްޗަށް އުފުލިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ އެފް.އޭ.އެމް އަށް ބޭރުގެ ފަރާތްތަކުން ލިބޭ އެހީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު މިހާރުވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ކުރަމުންދާ ކަމަށެވެ. އެގޮތުން، އެފް.އޭ.އެމްގެ ކުރީގެ ރައީސް ބައްސާމު ހިއްސާވާ ކުންފުންޏަކަށާއި، އެފް.އޭ.އެމްގައި އޭރު މަސައްކަތްކުރި ފަރާތްތަކުގެ އެކައުންޓުތަކަށް އެފް.އޭ.އެމްގެ ފައިސާ ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަވެސް ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން، އެފް.އޭ.އެމްއިން ކްލަބުތަކަށް ދެމުންދާ ސަބްސިޑީ، އެ ކްލަބުތަކުގެ އިސްވެރިންގެ އަމިއްލަ އެކައުންޓުތަކަށާއި އެ ފަރާތްތައް ހިއްސާވާ ކުންފުނިތަކަށް ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރި ވެފައިވާކަން ފާހަގަކުރެވި، އެ މައްސަލައިގެ ތަހުގީގުވެސް ކުރިއަށްދާކަން ފުލުހުން ވަނީ ފާހަގަ ކުރައްވާފައެވެ.



