ފުލުހުންގެ ހިދުމަތުގެ ހަމަތައް ހިފަހައްޓައި، ނަޒާހާތްތެރިކަމާ އެކު އެ އިދާރާގެ ކަންކަން ބަލަހައްޓަވާނެ ކަމަށް ޕޮލިސް ކޮމިޝަނަރުގެ މަގާމަށް މިއަދު އައްޔަން ކުރެއްވި އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ.
ނަވީން ވަނީ ފުލުހުންގެ ހިދުމަތުގައި 30 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައެވެ. ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމަށް ނަވީން މިއަދު އައްޔަނު ކުރައްވާފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު މިދިޔަ އޭޕްރީލް 26 ގައި އިސްތިއުފާ ދެއްވުމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސީޕީ ކަމުގެ މަގާމަށް މިއަދު ނަވީން އައްޔަނު ކުރެއްވުމާ ގުޅިގެން ލިބިވަޑައިގަންނަވާ މެސެޖުތަކަށް ޝުކުރު އަދާކުރައްވަމުން ފޭސްބުކްގައި ނަވީން ވިދާޅުވީ، އިތުރު މަސްއޫލިއްޔަތުތަކަކާ އޭނާ ހަވާލުވެވަޑައިގަންނަވާ މި ދަނޑިވަޅުގައި އެ މެސެޖުތަކަކީ ކުރިއަށް ވަޑައިގަތުމަށް ލިބިވަޑައިގަންނަވާ ހިތްވަރެއް ކަމަށެވެ.
ނަވީން ވިދާޅުވީ ފުލުހުންގެ ހަމަތައް ހިފަހައްޓައި، ނަޒާހާތްތެރިކަމާއި ހިދުމަތްތެރިކަމާ އެކު، އެ އިދާރާ ކުރިއެރުވުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށެެވެ.



