ދީނީ އިލްމުވެރިޔާ އަލްމަރްހޫމް ޝައިޚް އިބްރާހީމް ފަރީދުގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު، ރާއްޖޭގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި މި ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
ޝެއިޚް ފަރީދު އަވަހާރަވީ މެލޭޝިއާގައި އޮތް ދީނީ ބައްދަލުވުމަށް މި މަހުގެ 9 ވަނަ ދުވަހު ވަޑައިގެން، އެއާޕޯޓަށް ފައިބާވަޑައިގަތްތަނުން، ކުއްލި ގޮތަކަށް ހާލުކޮޅު ދެރަވެގެންނެވެ.
މެލޭޝިއާއިން ބޭރަށް ހަށިކޮޅު ގެންދާނަމަ ޕޯސްޓްމޯޓަމް ހަދަން ޖެހޭތީ، އެކަމަކީ ޝެއިޚް ފަރީދު ދުނިޔޭގައި ހުންނެވިއިރު ނުހަނު ދެކޮޅު ކަމަކަށްވުމާއެކު އާއިލާއިން އިއްޔެ ނިންމާފައިވަނީ ޝެއިޚް ފަރީދުގެ ޖަނާޒާ މެލޭޝިއާގައި މިއަދު ބޭއްވުމަށެވެ.
ޝެއިޚް ފަރީދުފަދަ ދީނީ ހިދުމަތްތެރިއެއްގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުން ރާއްޖޭގައި ހަމަޖައްސައި ދިނުމަށް ގިނަ ބަޔަކު އެދެމުންދާ ކަމަށާއި އެހެންކަމުން އެކަމުގެ އިންތިޒާމުތައް ރާވަމުންދާ ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓަރ ޝަހީމް މީޑިއާތަކަށް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، 9 ޖޫން 2025 ގައި މެލޭޝިޔާގައި އަވަހާރަވި ރާއްޖޭގެ ޢިއްޒަތްތެރި އިލްމުވެރިޔާ ފަޟީލަތުއްޝައިޚު އިބްރާހީމް ފަރީދުގެ މައްޗަށް އަންނަ ހުކުރު ( 13 ޖޫން 2025) ގައި ހުކުރު ނަމާދަށް ފަހު، މާލޭގެ އިތުރުން މުޅި ރާއްޖޭގެ ހުރިހައި ރަށެއްގައި ހުކުރު ކުރާ މިސްކިތްތަކުގައި ޣައިބަށް ކަށު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިހެންކަމުން ރަށްރަށު ކައުންސިލްތަކާއި އިމާމުން މިކަމަށް ސަމާލުވެލެއްވުމަށް އެދިލައްވާ ކަމަށާއި މިކަމާ ގުޅޭ ރަސްމީ ނޯޓް މިއަދު ކައުންސިލްތަކަށް ފޮނުވޭނެ ކަމަށް ވެސް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
”ޝެއިޚް ފަރީދަކީ ދަޢުވަތުގެ މައިދާނުގައި ދިވެހިރާއްޖެއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ އަގުހުރި ދިވެހި އިލްމީ ދަރިއެއް. ޝެއިޚު ފަރީދު، މި ވަގުތީ ދުނިޔެއާ އަބަދުގެ އަބަދަށް އަލްވަދާޢު ކީ އެންމެހައި ދިވެހިން ރޮއްވައިލައިފަ. ޝެއިޚު ފަރީދު ދަންނަ އެންމެހައި މީސްތަކުންގެ ހިތްތަކުގައި މިއަދު އާލާވަމުން ދަނީ އެ ބޭފުޅާގެ ހެޔޮ ހަނދާންތައް. އެ ބޭފުޅާއަކީ ހިތްވަރު ގަދަ، ޚުލްޤު ހެޔޮ، މީހުންނާ ގާތް ރަޙުމަތްތެރި ބޭފުޅެއް. އެ ބޭފުޅާގެ އަސަރުގަދަ ދަރުސްތަކުގެ ސަބަބުން ހިތަށް ފުން އަސަރެއް ކުރުވި. އެ ބޭފުޅާގެ ރީތި އަޑުފުޅުން ކީރިތި ޤުރްއާން ތިލާވަތުކުރެއްވި. މުޅި ޙަޔާތް ހޭދަކުރެއްވީ އިސްލާމީ ދަޢުވަތު ފެތުރުއްވުމުގަ. ދުނިޔެއާ ވަކިވެގެން އެ ދިޔައީ ވެސް އެ މަގުގައި ހިންގަވައިފައި ވަޑައިގަންނަވަނިކޮށް. މާތް ﷲ ޝެއިޚް ފަރީދުއަށް ހެޔޮ ރަޙުމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާށި! އާމީން“ އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ޝަހީމް ވިދާޅުވީ، ޝެއިޚު ފަރީދު ފަދަ ބޭފުޅުންގެ ޙަޔާތުން ފިލާވަޅުތައް ލިބިގަނެ، އެ ބޭފުޅުން ކޮށައިދެއްވި މަގުން ހިނގައި، އިސްލާމް ދީނާއި ވަޠަނުގެ ދިފާޢުގައި ދެމި ތިބޭނެ ޒުވާން އިލްމީ ޖީލެއް ބިނާކުރުމުރުމުގެ ބުރަ ބޮޑު މަސްއޫލިއްޔަތު އަޅުގަނޑުމެންގެ ކޮނޑުގައި މިއަދު އެޅިފައިވާ ކަމަށެވެ.



