ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ފަނޑިޔާރު ހަމީދާއި ސަލީމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށް އައްޔަނު ކުރަން ފާސްކޮށްފައިވަނީ މަޖިލިހަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެންބަރުންގެ ތާއީދާއެކުގައެވެ.
ސުޕްރީމު ކޯޓުގެ ފަނޑިޔާރުންގެ ބެޗުން ދެ ފަނޑިޔާރުންގެ މަގާމު ހުސްވެފައި މިވަނީ، އެ ކޯޓުގެ ކުރީގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް ޒާހިރު، އެ މަގާމުން މިދިޔަ މަހުގެ 14 ވަނަ ދުވަހު ވަކިކުރުމާ ގުޅިގެންނެވެ.
އަޒްމިރަލްދާ އާއި މަހާޒް ވަކިކުރަން ނިންމީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އރ ދެ ފަނޑިޔާރުންނާ ގުޅޭގޮތުން ސުލޫކީ މައްސަލަތަކެއް ބެލުމަށްފަހު، އެ ފަނޑިޔާރުން މަގާމުން ވަކިކޮށް ދިނުމަަށް މަޖިލިހަށް ހުށަހެޅުމުންނެވެ. މަޖިލިހުން ނިންމީ އެ މައްސަލައާ ގުޅޭގޮތުން ޖޭއެސްސީން ހުށަހެޅި ރިޕޯޓު ބަލައިގަންނަން ފެންނަ ކަމަށާއި އަޒްމިރަލްދާއާއި މަހާޒު މަގާމުން ވަކި ކުރުމަށެވެ.
ހުސްވި ދެ ފަނޑިޔާރުންގެ މަގާމަށް 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު ޖޭއެސްސީން އެންމެ މަތިން މާކްސް ދީފައި ވަނީ ހަމީދާއި ސަލީމަށެވެ.



