ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދިން، ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު މަގާމުގެ ހުވާކުރައްވައިފިއެވެ.
އެ ދެ ބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތު އޮތީ ރައީސް އޮފީހުގައެވެ. އެ ރަސްމިއްޔާތުގައި އެ ދެ ބޭފުޅުންނަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓް ފަނޑިޔާރު އައިޝާ ސުޖޫން މުހައްމަދު އެވެ.
މިއަދު ހެނދުނު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި ހަމީދަށް ރުހުން ލިބުނީ 60 މެންބަރުންގެ ތާއީދާ އެކު އެވެ. ސަލީމަށް 61 މެންބަރަކު ރުހުން ދީފައިވެ އެވެ.
މި ދެ ބޭފުޅުންނަށް ވޯޓު ދިނުމުގައި ވެސް އެމްޑީޕީ މެންބަރުން ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
ހަތް ފަނޑިޔާރުން ތިއްބަވާ ސުޕްރީމް ކޯޓުގެ ބެންޗުން ދެ މަގާމެއް ހުސްވީ ފަނޑިޔާރުކަމުން މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރާލްދާ ޒާހިރު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ 14 ވަނަ ދުވަހު ފާސްކުރުމުންނެވެ.




