ޗައިނާގެ ރައްޔިތަކު، 2021 ވަނަ އަހަރު އޭނާގެ ވަޒީފާ ދޫކޮށްލީ، މީހުންނާ ވަކިން އެކަނިވެރި ދިރިއުޅުމެއް އުޅުމުގެ ބޭނުމުގައެވެ.
މިން ހެންކާއި ނަމަކަށް ކިޔާ އުމުރުން 35 އަހަރުގެ މި މީހާ، މަހަކު 1،400 ޑޮލަރު ލިބެމުންދިޔަ ވަޒީފާއިން ވަކިވުމަށްފަހު، ދިރިއުޅުން ބަދަލުކޮށްލީ ހޮހޮޅައަކަށެވެ.
ހޮޙޮޅައިގައި އެކަނިވެރި ދިރިއުޅުމެއް ދިރިއުޅެމުން އަންނަ މިން ބުނީ، އެ ދިރިއުޅުމާމެދު އޭނާ މާބޮޑަށް ހިތްހަމަޖެހޭ ކަމަށާއި ވަޒީފާއަކަށް ދިޔުމާއި ކައިވެނި ކުރުމަކީ ކުރުން ބޭކާރު ކަންތައްތައް ކަމަށެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި މިން ކުރިން ވަނީ ބޭންކުތަކުން ލޯނުތަކެއް ނަގާފައެވެ. ލޯނުގެ ފައިސާ ވަކިވަރަކަށް ދެއްކުމަށްފަހު، ވަޒީފާ ދޫކޮށްލައި މިހާރު އެ ފައިސާ އެއްގޮތަކަށް ވެސް ނުދައްކާ ކަމުގައި ބުނެފައިވެއެވެ. ބޭންކުތަކަށް ލޯނު ފައިސާގެ ގޮތުގައި 42،000 ޑޮލަރު މިން ދައްކަން ޖެހެއެވެ.
މިން ހޮހޮޅައަކަށް ދިރިއުޅުން ބަދަލު ކޮށްފައިވަނީ، އޭނާއަށް ލިބިފައިވާ ބިމާއި އެ ހޮހޮޅަ ބަދަލު ކުރުމަށްފަހު، އެތަނުގައި އޭނާއަށް ދިރިއުޅެވޭނޭވަރުގެ ކުޑަ ގެއެއް ވެސް ހަދައިގެން ކަމުގައި ރިޕޯޓުތަކުން ބުނެއެވެ.
ހޮހޮޅައަށް ދިރިއުޅުން ބަދަލު ކުރި އިތުރު ސަބަބެއް ކަމުގައި މިން ބުނީ، އޭނާގެ ދިރިއުޅުމަށް ހާސްކަމާއި އަނދިރިކަން ފެތުރިފައިވާތީ، އެކަން ރަމްޒުކޮށްދޭ ތަނެެއްގައި އުޅުމަށް ކަމުގައެވެ.



