ދައުލަތުގެ ބަޖެޓުން 5 ޖޫންގެ ނިޔަލަށް ކޮށްފައިވާ ހަރަދުތައް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 22.1 އިންސައްތަ ދަށަށް ގޮސް، ދައުލަތުގެ ބަޖެޓުގެ އޯވައޯލް ބެލެންސް 1.1 ބިލިއަން ރުފިޔާގެ ސާޕްލަސްއަކަށް އަރާފައިވާ ކަމަށް ދައްކައިފިއެވެ.
މި މަހުގެ 5ގެ ނިޔަލަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ، ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި ދައުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައި ނިމިގެންދިޔަ ހަފްތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން، ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 15.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ހަރަދާ އަޅައިބަލާއިރު 22.1 އިންސައްތަ ދަށް އަދަދެކެވެ.
އެގޮތުން، ދައުލަތުގެ ރިކަރަންޓް ހަރަދު 4.4 އިންސައްތައިން ދަށްވެފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 71.8 އިންސައްތައިން ދަށްވެފައިކަން ވެސް ވަނީ ހާމަވެފައެވެ.
ދައުލަތުގެ ބަޖެޓުން ރިކަރަންޓް ހަރަދުގެ 57.4 އިންސައްތަ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 10.3 އިންސައްތަ ދަށް އަދަދެކެވެ.
އެގޮތުން އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ޚަރަދު 71.8 އިންސައްތައިން ދަށްވެފައިވާއިރު، މަރާމާތުކުރުމާއި ބެލެހެއްޓުމުގެ ހަރަދު ވަނީ 24.4 އިންސައްތައިން ދަށްވެފަ އެވެ.
ހަމައެހެންމެ، ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރެވޭ ހޭދަ މިވަނީ، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 16.6 އިންސައްތައިން ދަށްވެފައެވެ.




