ޙައްޖުގެ ހުރިހާ އިންތިޒާމުތަކެއް ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ފުރިހަމަ ކުރައްވާނެ ކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ޝަކީލް މިހެން ވިދާޅުވީ، ދިވެހި ޙައްޖުވެރިން، މައްކާއިން މަދީނާއަށް ފުރަތަމަ ފަހަރަށް ހައި ސްޕީޑް ޓްރެއިންގައި ދަތުރުކުރުމާއި ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ހައި ސްޕީޑް ޓްރެއިނުގައި ފުރަތަމަ ފަހަރަށް ޙައްޖާޖީން މައްކާއިން މަދީނާއަށް ދަތުރު ކުރުމުގެ ފުރުސަތު ފަހިވުމަށް އިޝާރާތް ކުރައްވާ ޝަކީލް ވިދާޅުވީ، މައްކާއިން މަދީނާއަށް ކުރި ދަތުރާމެދު ހުރިހާ ޙާޖީންވެސް ހިތްހަމަޖެހިފައި ތިބި ކަމަށާއި މައްކާއިން މަދީނާއަށް ކުރާ ދަތުރަށް ގެނައި ބަދަލަކީ، ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމަށް ގެންނެވި ބަދަލެއް ކަމަަށެވެ.
ޝަކީލް ވިދާޅިވީ ޙައްޖުގެ އިންތިޒާމުތައް ހަމަޖެއްސިއިރު، މައްކާއިން މަދީނާއަށް ކުރާ ދަތުރު އެކުންފުނިން ހަމަޖެއްސީ ބަހުގައި ކުރުމަށް ކަމަށާއި، ނަމަވެސް ފަހުވަގުތު އިންތިޒާމްތައް ހަމަޖެހިފައިވާގޮތް ސާފުކުރައްވައި، ކަންކަން ރަނގަޅު ކުރައްވާއިރު ޙައްޖާޖީންނަށް ދަތުރުތައް ލުއިވާނެގޮތަށް ހަމަޖެއްސުމަށް ރައީސް މުޢިއްޒު އިރުޝާދދެއްވި ކަމަށެވެ.
”މިގޮތުން މައްކާއިން މަދީނާއަށް ދަތުރުކުރާއިރު ޙައްޖުވެރިންނަށް ވީހާވެސް ލުއިފަސޭހަ ގޮތްތަކަށް ހަމަޖެއްސުމުގެ ގޮތުން ހައި ސްޕީޑް ޓްރެއިންގައި އިންތިޒާމުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެން އަޅުގަނޑުމެން މި އިންތިޒާކޮށްދިނީ. އެހެންކަމުން ޙައްޖުވެރިންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ޚައްޞަ ޝުކުރެއް ދަންނަވަން.“ ޙައްޖު ކޯޕަރޭޝަންގެ އެމްޑީ ވިދާޅުވިއެވެ.



