ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް 18 ކިލޯގެ ޑްރަގާ ހަވާލުވާންދިޔަ ކަމަށް ބުނާ ބިދޭސީ މީހާގެ ބައިވެރިވުމެއް އެކަމުގައި އޮތް ކަމަށް ނުފެންނާތީ، އެ މީހާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މި މަހުގެ 10 ވަނަ ދުވަހުގެ ރޭ އިންޑިއާގެ ބެންގަލޫރު މަގުން ގެނަައި އެއާ ކާގޯ ޝިޕްމަންޓުގައި މަސްތުވާތަކެތި ފޮރުވާފައި ހުރީ 30 އަށް ވުރެ ގިނަ ޕެކެޓުގައި ވަކިވަކިން ބަންދުކޮށްފައެވެ. އެ ތަކެތި ހުރީ ޕްލާސްޓިކް ގަސް ފަދަ ތަކެތީގެ ޕޮޓާއި އޭގެ ބައިތަކުގައި ފޮރުވައިފައެވެ.
އެ ތަކެތީގެ އަގު ގާތްގަނޑަކަށް 26 މިލިއަން ރުފިޔާއަށް އަރާކަމަށް ބެލެވެއެވެ.
މަސްތުވާތަކެތި ހުރި އެ ޝިޕްމަންޓް ކްލިއަރ ކުރަން ދިޔަ 35 އަހަރުގެ ބަންގްލަދޭޝްގެ ބިދޭސީއަކު އެ ރޭ ފުލުހުން ހައްޔަރު ކުރިއެވެ. ނަމަވެސް މިއަދު އެމީހާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، އެ މީހާ ދޫކޮށްލީ، އޭނާ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ތަހުގީގަށް ބެލިބެލުމުން ހާމަވެފައި ނެތުމުން ކަމަށެވެ.



