އެއަރ އިންޑިއާގެ ފްލައިޓް ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް ހަމްދަރުދީގެ އެ މެސެޖު ފޮނުއްވާފައި ވަނީ އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ދެންމެ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ އަހްމަދުއާބާދު ކައިރިއަށް އެއާރ އިންޑިއާ ފްލައިޓް އޭއައި 171 ވެއްޓުނު ހިތާމަވެރި ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކުރައްވާ ކަމަށެވެ.
”މި ދަތި އުނދަގޫ ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ އިންޑިއާ ސަރުކާރާއި ރައްޔިތުންނާއެކު“ ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
އެއާ އިންޑިއާގެ މަތިންދާބޯޓެއް ގުޖަރާތުގެ އަހްމަދުއާބާދުގެ މީހުން އުޅޭ ސަރަހައްދަކަށް ވެއްޓި އޭގެން ދަތުރުކުރި 242 މީހުން މިއަދު ވަނީ މަރުވެފައެވެ.
ފްލައިޓް އޭއައި171 ވެއްޓުނު މަންޒަރުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވެސް އާންމުވެފައި ވާއިރު، އެ ވީޑިއޯއިން ފެންނަނީ ފްލައިޓް މައްޗަށް އަރަން ދިޔައިރު މަތީގައި ނުހިފެހެއްޓި މަޑުމަޑުން ގޮސް ވެއްޓި މުޅި ބޯޓުގައި ހުޅުގަނޑު ފަޅައިގެންދާ ތަނެވެ.
މި ހާދިސާއާ ގުޅޭގޮތުން އިންޑިއާ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ބޯއިން 787-8 ޑްރީމްލައިނާ ވެއްޓުނީ އެއާޕޯޓް ކައިރިއަށެވެ. އަދި ވެއްޓުނީ ބޯޓު ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކަމަށް ވެސް ބުނެފައިވެއެވެ.
ނަމަވެސް ބޯޓު ވެއްޓެން ދިމާވި ސަބަބަކާ ބެހޭ ގޮތުން ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.



