މާލޭގެ ފިހާރައަކަށް ވަދެ ފައިސާ ފޭރުނު މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރަން ފޮނުވައިފިއެވެ.
ފުލުހުން ބުނީ މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހުގެ 15:13 އެހާކަންހާއިރު މީހަކު އިސްކަންދަރުމަގު މައްޗަންގޯޅި ސަހަރާ ކައިރީގައި ހުންނަ ”ޕަރާއޯ“ ފިހާރައަށް ވަދެ ވަޅިން ބިރުދައްކައި ފިހާރައިގެ ވަތްގަނޑުގައި ހުރި ފައިސާ ފޭރުނު މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕީޖީ އޮފީހަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.
މިމައްސަލާގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ހ. ރެދަން / މާލެ، ފަވާޒު ކަޅުތުއްތު (36އ) ގެ މައްޗަށެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފަވާޒް ކަޅުތުއްތު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން 2025 މެއި 13 ވަނަ ދުވަހު ކަމަށެވެ.
އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވާ ފަވާޒް ކަޅުތުއްތު އަކީ މީގެކުރިން ތަފާތު އެކި މައްސަލަތަކުގައި 52 ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ.



