އިސްރާއީލުން ރޭ ފަތިހު އީރާނަށް ދިން ހަމަލާތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައިފިއެވެ.
މި ހަމަލާތައް ކުށްވެރިކުރައްވާފައި ވަނީ އެ މަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓުން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ރައީސްގެ ޕޯސްޓުގައި ވިދާޅުވީ އިސްރާއީލުން އީރާނަށް ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.
”މިފަދަ އަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ވަރަށް ބޮޑަށް ޚިލާފު އަދި ސަރަހައްދީ ސުލްހަ މަސަލަސްކަމަށް ނުރައްކާވާނެ އަމަލުތަަކެއް“ ރައީސް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ވަގުތުން ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ.
އީރާންގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އިސްރާއީލުން ރޭ ފަތިހު ދިން ވަރުގަދަ ހަމަލާތަކުގައި އީރާންގެ ޗީފް އޮފް ސްޓާފާއި ސިފައިންގެ އިސް ކޮމާންޑަރަކާއި ނިއުކްލިއާ ޕްރޮގްރާމާ ގުޅުންހުރި ބައެއް ސައިންސްވެރިން ވަނީ ޝަހީދުވެފައެވެ.
މީގެ އިތުރުން އީރާންގެ މީޑިއާއިން ބުނާ ގޮތުގައި އާންމުންގެ އިމާރާތްތަކަށް ވެސް ހަމަލާ އަރައި، ކުޑަކުދިންނާއެކު ގިނަ އަދަދެއްގެ އާންމުން ވަނީ ޝަހީދުވެފައެވެ.




