ދިވެހިރާއްޖެއިން މި އަހަރު ޙައްޖުގެ އަޅުކަމަށް ދިޔަ ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެ އައިސްފިއެވެ.
ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 4 ފްލައިޓަކަށް ބަހާލައިގެންނެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓު މިއަދު މެންދުރު ރާއްޖެ އައިސްފައިވާ ކަަމަށެވެ. ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕު ރާއްޖެ އައިސްފައި ވަނީ މަދީނާގެ ޕްރިންސް މުޙައްމަދު ބިން ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރައިގެންނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ދިވެހި ޙައްޖާޖީންގެ ދެވަނަ ގްރޫޕު މި މަހުގެ 14 ވަނަ ދުވަހު އައުމަށް ހަމަޖެހިފައިވާއިރު ތިން ވަނަ ގްރޫޕުގެ ޙައްޖުވެރިން އައުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 16 ވަނަ ދުވަހު ކަމަށެވެ.
އަދި ފަހު ގްރޫޕުގެ ޙައްޖުވެރިން ރާއްޖެއަށް އެނބުރި އަންނާނީ މި މަހުގެ 17 ވަނަ ދުވަހު ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.
ޙައްޖުވެރިން މިފަހަރު ސަޢުދީއަށް ދަތުރުކޮށްފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ވަރަށް ލުއިފަސޭހަކަމާއެކުގައެވެ. މީގެ އިތުރުން މިނާ ފޭލިގެތަކުގެ ކެޓެގަރީ ބީ ކެޓެގަރީއަށް ބަދަލުކޮށް ފޭލިގެތަކުގެ ފެންވަރު މަތިކުރެވުނު އިރު ޢަރަފާތުގެ އިންތިޒާމްތައްވެސް ފާއިތުވެދިޔަ އަހަރުތަކަށްވުރެ ބޮޑުތަނުން ވަނީ ރަނގަޅު ކުރެވިފައެވެ.




