މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ގުދަނެއްގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު 21އ ވެއްޓުނު މައްސަލައިގައި އެއިރު ހައްޔަރުކޮށް ޕާސްޕޯޓު ހިފެހެއްޓި ރައުދު އަހްމަދު ޒިލާލް ރާއްޖޭން ބޭރަށް ފުރި ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި އެވެ.
ރައުދުގެ މައްޗަށް ޕީޖީން ވަނީ، މީގެ 3 ދުވަސް ކުރިން އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ކުށުގެ ދައުވާވެސްކޮށްފައެވެ. މި ދައުވާގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.
ނަމަވެސް ރައުދު އޭނާގެ އާއިލާ އާއެކު އެއާޕޯޓުގައި ހުންނަ މަންޒަރު ފެންނަ ކަމަށްބުނާ ފޮޓޯއެއް ދައުރުކޮށް މީސް މީޑިއާގައި ވައިރަލްވި ޕޯސްޓެއްގައި ބުނީ ރައުދު އޭނާގެ އާއިލާއާއެކު ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށެވެ.
އެކަމާއި ގުޅިގެން ފުލުހުން މީޑިއާތަކާ މިއަދު ހިއްސާކުރި މެސެޖެއްގައި ބުނީ ރައުދު ބޭރަށް ފުރާފައިވާ ކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.
”ރައުދު ފުރުން މަނާކުރުމުގެ އަމުރު އަދިވެސް ދެމިއެބައޮތް“ ފުލުހުން ބުނެފައި ވެއެވެ.
ރައުދަކީ ޔުމްނު ވެެއްޓުނު އިރު އޭނާއާ އެކު ބުރުޒުމަގުގައި ހުންނަ ހ. ފެންޓެނޯއީ ގޭގެ ސިޑިމަތީގައި އުޅުނު ޒުވާނާ އެވެ. ޔުމްނު ވެއްޓުމުގެ ކުރިން އެ ގޭގައި ރައުދުއާއެކު އުޅުނުކަން އެރޭގެ ސީސީޓީވީ ފުޓޭޖުތަކުން ވެސް ހުރީ ފެންނާށެވެ.
ރައުދު އާއި ޔުމްނު ވެސް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން އެއިރު ބުނެފައިވެއެވެ.



