ކ. މާފުށި ކައިރީ އޮންނަ ކަނޑޫމާތިލަ ކައިރިއަށް ދިޔަ އުޅަނދަކުން ޑައިވިނަށް ފޭބި ފަހުން ގެއްލިގެން ހޯދަމުންދިޔަ ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މި ހާދިސާގައި މަރުވެފައި ވަނީ، މިއަދު ހެނދުނު މާފުށި ގެސްޓުހައުސްއަކުން ފަތުރުވެރިން ގޮވައިގެން އެ ރަށް ކައިރީ އޮންނަ ކަނޑޫމާތިލަ ކައިރިއަށް ދިޔަ އުޅަނދަކުން ޑައިވިނަށް ފޭބި 26 އަހަރުގެ ޖަޕާނު ފިރިހެނެކެވެ.
ފަތުރުވެރިޔާ ގެއްލުނުކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުމާއެކު ، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ޑައިވަރުންނާ އެކު ޙާދިސާ ހިނގި ސަރަޙައްދަށް ގޮސް ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް އޭރު ވަނީ ފަށާފައެވެ.
އެމްއެންޑީއެފުން މިރޭ ބުނީ ކަނޑޫމާތިލަ ކައިރިއަށް ގެއްލުނު ފަތުރުވެރިޔާ، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން، މިއަދު ހަވީރު 17:17 ހާއިރު ނަގާފައިވާ ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނަގައިގެން މާފުށީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައެވެ.


